2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް އެމްޑީޕީން ވީ ވައުދުތަކަކީ ނުުފުއްދޭނެކަމަށް ބުނި ވައުދުތަކެއްނަމަވެސް، އެ ހުރިހާ ވައުދުތަކެއް މި ސަރުކާރުން ފުއްދާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫގައި މިރޭ ބޭއްވި ޖަލްސާގައެވެ.

ކުޑަހުވަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސާލިހު ވިދާޅުވީ 6 އަތޮޅުގެ ހުރިހާ ރަށަކަށް މިހާތަނަށް ކެމްޕެއިންގެ ތެރެއިން ވަޑައިގެންނެވިއްޖެކަމަށާއި، ހުރިހާ ރަށަކުން ފެނުނީ އުފާވެރި އަމާން ރާއްޖެއަށް ދާން ބޭނުންވާ މަންޒަރުކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީން ނެރޭ 5 ސިޔާސަތުގެ ތެރެއިން 1 ސިޔާސަތު މިރޭ ހާމަކޮށްފައިވާއިރު، އޭގެތެރޭގައި ކުރިއަށް އޮތް ދައުރުގައި ކުރާނެ ކަންކަން ހިމަނާފައިވާނޭކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ އެ ސިޔާސަތުގައި އިސް ރަށްވެހިންނާއި ކުޑަކުދިން، ތައުލީމީ ދާއިރާއަށް، ބެލެނިވެރިންނަށް، ދީނީ އިލްމު ފުޅާ ކުރެއްވުމަާއި، ސިއްހީ ދާއިރާއާއި ކުޅިވަރުގެ ދާއިރާއިން އަންނަ ދައުރުގައި ކުރިއަށްގެންދާނެ ކަންކަން ހިމަނާފައިވާކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ މި ދައުރަށްވެސް ގިނަ ވައުދުތައްވީނަމަވެސް އެ ވައުދުތައް ނުފުއްދޭނެކަމަށް އިދިކޮޅުން ބުނި ކަމަށެވެ. ނަމަވެސް އެ ހުރިހާ ވައުދުތަކެއް މި ސަރުކާރުން ފުއްދާފައިވާކަމަށެވެ.

"އިދިކޮޅުން ބުނީ އޭރު ނުވާނެއޭ، ތިއިން އެއްވެސް ކަމެއް ނުވާނެއޭ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ނުވާނެކަމަށް ބުނ. އެކަމަކު މިއަދު ވަނީ އެކަން ކޮށްފައި. ސިއްހީ ދާއިރާގެ މުސާރައިގެ ބޮޑުވެފައި ވަނީ. ވިހެއުމާއި ގުޅީގެން ދޭ ޗުއްޓީވެސް ވަނީ ހަމަޖައްސާފައި. ހިލޭ ޑިގްރީވެސް ބުނީ ނުވާނޭއޭ، އެކަންވެސް ވަނީ ކޮށްފައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން 140 ރަށުގައި ފެނާއި ނަރުދަމާއާއި

152 ލަފާ ފުރުން ހައްލުކުރުމަށް މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި 150 ރަށުގައި ކަރަންޓު، 37 ރަށުގައި މިސްކިތް ގާއިމްކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ހުރިހާ ކަމެއް ކުރަމުންދިޔައީ ކޯވިޑްގެ އުނދަގޫތަކުގެ ތެރެއިން ސަރުކާރުން ކުރި މަސައްކަތުގެ ތެރެއިންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން