މިއަހަރުގެ ރިޔާސީ އިންތިހާބަަށް ގިނަ ކެންޑިޑޭޓުންތަކެއް ކުރިމަތިލެއްވުމުން އިންތިހާބު ކާމިޔާބުކުރަން އެމަނިކުފާނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބަަށް ރިކޯޑް އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބަށް އަށް ކެންޑިޑޭޓުން ކުރިމަތިލައްވާފައިވާ ކަމަށާއި މިއީ 2008 ވަނަ އަހަރު ފަހުން އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލެއްވި ރިޔާސީ އިންތިހާބު ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"މިއީ އަށް ކެންޑިޑޭޓުން 2008 ގެ ފަހުން ކުރިމަތިލި ފުރަތަމަ ފަހަރު، އަޅުގަނޑުމެންނަށް މީގެން ވަރަށް ބޮޑަށް ފަސޭހަވެއްޖެ، ވަރަށް ބޮޑުތަނުން ފަސޭހަވެއްޖެ، އިރާދަކުރެއްވިޔާ ކުރިއަށް މި އޮތް ރިޔާސީ އިންތިހާބު އެއްބުރުން އަަޅުގަނޑުމެން ކާމިޔާބުކުރާނީ ބޮޑުތަނުން،" ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ، ރައްޔިތުން އެދޭ ހެއު ބަދަލު ގެނެސްދެވޭނީ މި ސަރުކާރަށް ކަމަށެވެ. ރައީސް ވަނީ މި ސަރުކާރުން ވީ ވައުދުތަކުގެ 90 އިންސައްތަ ވައުދު ފުއްދާފައިވާކަން މި ޖަލްސާގައި ވެސް ފާހަގަކުރަަށްވާފައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސަރުކާރަކީ ޖަވާބުދާރީކުރުމާއި ހާމަކަން ބޮޑު ކަމެއް ނެތް ސަރުކާރެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަަށް ވެސް ރައްދު ދެއްވާފައެވެ. ރައީސް ވިދާޅުވީ އެއީ ވެސް ހަގީގަތެއް ނޫން ކަމަށެވެ. އެހެން ވިދާޅުވެ ރައީސް މި ސަރުކާރުގެ ވަޒީރުން މަޖިލީހަށް ޖަވާބުދާރީ ވެފައިވާ ގޮތުގެ ތަފްސީލް ވެސް ވަނީ ހިއްސާ ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން