‏އެއްވެސް ޕާޓީއަކުން އަނެއް ޕާޓީގެ ކެމްޕޭނަށް ހުރަސްއަޅަން ފުރުސަތު ދެވިގެންނުވާނެ ކަމަށާއި ޕާޓީތަކުން އެކަންކަން ހުއްޓުވަންޖެހޭ ކަމަށް ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެއެވެ.

ކެމްޕޭނަށް ހުރަސް އަޅާ ކަމަށްބުނެ މަހުލޫފު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު ކެމްޕޭން ދަތުރު ފުޅުގައި ވަޑައިގަންނަވަން ހަމަޖެހިފައި އޮތް ގދ. މަޑަވެލީގައި ހަދާފައިވާ އެމްޑީޕީގެ ޖަގަހައެއްގައި ރޯކޮށްލައި ގެއްލުންދިނުމުން އެކަމާމެދު ކަންބޮޑުވުން ފާޅުކުރަށްވަމުންނެވެ. ރައީސް ޞާލިހު ބައެއް ރަށްރަށަށް ކެމްޕޭނަށް ވަޑައިގެންނެވުމުން އެރަށްރަށުގައި ހަރަކާތްތެރިވާ އިދިކޮޅު ފަރާތްތަކުން ނުކުމެ ކެމްޕޭނަށް ހުރަސް އެޅޭ ގޮތަށް މުޒާހަރާކޮށް އެކި ކަހަލަ އިދިކޮޅު ހަރަކާތްތައް ހިންގަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މިކަމާއި ގުޅިގެން މަހުލޫފް މިއަދު ވަނީ 2018ގައި ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ހާލަތު ހަނދާން ކޮށްދެއްވައި އޭރާއި މިހާރުގެ ހާލަތުވެސް އަޅާކިއުއްވާފައެވެ. އެގޮތުން 2018 ވަނަ އަހަރު ރިޔާސީ އިންތިހާބާއި ކުރިމަތިލިއިރި އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދު ހުންނެވީ ޖަލުގައިކަމަށާއި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވެސް ހުންނެވީ ޖަލުގައި ކަމަށާއި އަދާލަތު ޕާޓީގެ ރައީސް ހުންނެވީ ޖަލުގައި ކަމަށް މަހުލޫފު ވިދާޅުވެފައި ވެއެވެ.

"ޖޭޕީގެ ރައީސް ހުންނެވީ ޖަލުގަ. އެމްއެންޕީގެ ރައީސް ހުންނެވީ ޖަލުގަ. އެމްޓީޑީ ގެ ރައީސް ހުންނެވީ ޖަލުގަ،" މަހުލޫފު ވިދާޅުވެފައި ވެއެވެ.

ނަމަވެސް އެދުވަހު ކެމްޕޭނަށް ހުރަސް އަޅަން ތަންތަނުގައި ހުޅުޖަހާ ނަހަދާ ކަމަށާއި އަދި އެންމެ މީހަކު ނުކުމެ ބޮޑު މާސިންގާ ސައުންޑު ސިސްޓަމަކުން ބާރަށް ލަވަޖަހާ ކެމްޕޭން ޖަލްސާގައި ކިޔާއެއްޗެއް ނޭގޭވަރަށް އަޑުގަދަކޮށް ހަދާފައި ނުވާކަމަށް މަހުލޫފު ވިދާޅުވެފައި ވެއެވެ.

"ކެންޑިޑޭޓެއްގެ ނޭފަތު ކުރިއާއި ހިސާބަށް އައިސް މުޒާހަރާއެއް ނުކުރޭ. ނަމަވެސް މިއަދުގެ އަމަލުތައްހުރީ އެއާއި ޚިލާފަށް. އެގޮތަށް އެއްވެސް ޕާޓީއަކުން ކެމްޕޭނަށް ހުރަސްއަޅަން ފުރުސަތު ދެވިގެންނުވާނެ. ޕާޓީތަކުން އެކަންކަން ހުއްޓުވަންޖެހޭ." ރައީސްގެ ކެމްޕޭނަށް ހުރަސް އެޅުމަށް ހިންގާ ބައެއް އަމަލުތައް ފާހަގަ ކުރަށްވަމުން މަހުލޫފު ވިދާޅުވެފައި ވެއެވެ.

މަހުލޫފު ވިދާޅުވީ އިޖުތިމާއީ މިންގަޑާއި ޚިލާފު ހަޑިހުތުރު ބަހުން ކުޑަކުދިންނަށް ފެންނަގޮތަށް ދަމާފައި ހުންނަ ބެނާތައް ވެސް ނަގަންޖެހޭނެ ކަމަށެވެ. އަދި އެކަނިމައިއެކަނި ސައުޑް ސިސްޓަމަކުން އަޑުގަދަކޮށްގެން އުނދަގުލެއް ނުކުރެވޭނެ ކަމަށް ވެސް ރައީސް ޞާލިހުގެ ކެމްޕޭންގައި މިހާރުވެސް އެކި ރަށްރަށަށް ދަތުރު ކުރަށްވަމުން ގެންދަވާ މަހުލޫފު ވިދާޅުވިއެވެ.



"މަޑަވެލި އެމްޑީޕީގެ ހިތްވަރުގަދަ ކެމްޕޭން ޓީމުން ކުރި ބުރަ މަސައްކަތް ރޯކޮށް އަޅިއަށް ހަދާލުމަކީ ކޮންމެ ބަޔަކު ކުރިނަމަވެސް ވަރަށް ފިނޑި އަމަލެއް،" މަޑަވެލީގައި ރައީސް ޖަލްސާ ބާއްވަވަން ހަމަޖެހިފައިވާ އެމްޑީޕީ ޖަގަހައިގައި ރޭ ހުޅުޖަހާ އަންދާލާފައިވާ މައްސަލައަށް އަލި އަޅުއްވާ ލައްވަމުން މަހުލޫފު ވިދާޅުވިއެވެ.

"މިކަމުން ޔަގީންވަނީ ރައީސް "އިބުރާހިމް މުހައްމަދު ޞާލިހު" މިއިންތިޚާބު ކާމިޔާބު ކުރައްވައިފިކަން. إن شاء الله އަޅުގަނޑުމެން ކާމިޔާބު ކުރާނީ އެއްބުރުން،" މަހުލޫފް ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން