ފަސް އަހަރުގެ ދައުރެއް ނިމިގެންދާއިރު، ވާދަވެރީން ނުވާނެއޭ ބުނި އެތައް ކަމެއް މި ސަރުކާރުން ކާމިޔާބުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ގދ. ގައްދޫގައި މިރޭ ކުރިއަށްދާ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2018 ވަނަ އަހަރު މެނިފެސްޓޯ އަކާއެކީ ރިޔާސީ އިންތިހާބަށް ނުކުތުމުން، އޭރުގެ ވާދަވެރިން، މިސަރުކާރުން ވީ ރިޔާސީ ވައުދުތައް ފުއްދައި ނުދެވޭނެކަމަށް ބުނަމުން ދިޔަ ނަމަވެސް، އިންތިހާބު ކާމިޔާބުކޮށް ދައުރު ނިމިގެންދާއިރު ވާދަވެރީން ނުވާނެއޭ ބުނި އެތައް ކަމެއް މި ސަރުކާރުން ކާމިޔާބުކޮށްފައިވާ ކަމަށެވެ. އަދި ވީވައުދު ތަކުގެ ބޮޑުބައި ކާމިޔާބުކަމާއެކު ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"2018 ވަނަ އަހަރު ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯ އަކާއެކު އަޅުގަނޑުމެން ނިކުތީމާ، އެބޭފުޅުން ބުނީ ނުވާނެއޭ. އަޅުގަނޑުމެން ވައުދުވީ ކޮންމެ ކަމަކަށް ބުނީ ނުވާނެއޭ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިއަދު ފަސް އަހަރު ފުރިގެން ދާއިރުގައި އަޅުގަނޑުމެން މިތިބީ އެވީ ވައުދު ތަކުގެ ބޮޑުބައި ކޮށްދީ ނިންމާފައި." ރައީސް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ވީ ވައުދާއި އެއްގޮތަށް 141 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރަމުން ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 125 ރަށެއްގެ ބަނދަރު ހަދާ ނިމުމުގެ މަސައްކަތްވެސް ވީ ވައުދާއި އެއްގޮތަށް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ވާދަވެރިން ނުވާނެއޭ ބުނި ހިލޭ ޑިގްރީއަށް ކިޔަވައި ދިނުމުގެ މަސައްކަތުގެ ދަށުން 18000 ދަރިވަރުންނަށް ފުރުސަތު ދީ، އޭގެ ތެރެއިން 7000 ދަރިވަރަކު ޑިގްރީ ފުރިހަމަކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމުގެ ދަށުން ގދ އަތޮޅަށް ހަމައެކަނި ބެލިނަމަވެސް 602 ދަރިވަރަކު ޑިގްރީ ފުރިހަމަކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2018 ގައިވެސް ވާދަވެރިންގެ މެނިފެސްޓޯ އަކަށްވީ އެމްޑީޕީގެ ވައުދުތަކަށް ނުވާނެއޭ ބުނުންކަމަށެވެ. އެގޮތުން މިފަހަރުވެސް ވާދަވެރިންގެ މެނިފެސްޓޯ އަކަށްވާނީ އެމްޑީޕީން ވަމުންދާ ވައުދުތަކަށް ނުވާނެއޭ ބުނުންކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން