މެނިފެސްޓޯ ތައްޔާރުކޮށް ތަރައްގީގެ ތަސައްވަރު ބިނާކޮށްފައިވާނީ ރައްޔިތުންގެ ބޭނުންތައް ދެނެގަނެގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް މިރޭ ވިދާޅުވެއްޖެއެވެ.

ގދ. ގައްދޫގައި މިރޭ ކުރިއަށްދިޔަ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީގެ ތަސައްވަރު ބިނާކޮށްފައިވާނީ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ބޭނުންތައް ދެނެގަތުމަށްފަހުގައި ކަމަށެވެ. އެގޮތުން ރަށްރަށަށް ބޭނުންވާ ކަންތައްތަކާއި ބެހޭގޮތުން މިނިވަން ކަމާއެކު ހިޔާލު ފާޅުކުރަން ފުރުސަތުދީ، މުޅި ގައުމަށް ބޭނުންވާ ކަންކަންވެސް އަޑުއަހައިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތަރައްގީގެ ތަސައްރަފް ބިނާކޮށްފައި އޮންނާނީ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ކިބައިން މައުލޫމާތު ހޯދައިގެން. އެރައްޔިތަކަށް ބޭނުންވާ ހިޔާލެއް ހުށައެޅުމަށް ފުރުސަތު ދީގެން. އެއަށްފަހު އެރަށަކަށް ބޭނުންވާ ކަންތައްތަކާއި، އެރައްޔިތަކަށް ބޭނުންވާ ކަންތައްތަކާއި، މުޅި ގައުމަށް ބޭނުންވާ ކަންތައްތައް ދެނެގަނެ." ރައީސް ވިދާޅުވިއެވެ.

އެގޮތުން ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފަށާފައިވާކަން ފާހަގަކުރައްވައި ރައީސް ސޯލިޙް ވިދާޅުވީ ތައުލީމީ ސިޔާސަތުގެ އެންމެ ބޮޑު އަމާޒަކީ އުފެއްދުންތެރި ޖީލެއް ބިނާކުރުން ކަމަށާއި، ގައުމުގެ ހުންގާނުގައި ހިފާނެ ޒިންމާދާރު ރައްޔިތުން އުފެއްދުން ކަމަށާއި، މިކަންކަން ހާސިލު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.

"ޒަމާނީ ތައުލީމެއްގެ ބިންގަލަކީ އުނގެނުމަށް ލޯބި އަށަގެންފައިވާ، ބިނާކުރުވަނިވި، އީޖާދީ ވިސްނުން ކުރިއަށް ނެރުވާ، ބަދަލުވަމުންދާ ދުނިޔޭގައި އުފާވެރި ދިރިއުޅުމަކަށް ތައްޔާރުވެފައިވާ ޖީލެއް ބިނާކުރުން. އަޅުގަނޑުމެން މިދަނީ މިކަން ކުރަމުން. އިސްލާމީ ރިވެތި ދިރިއުޅުމާއި، ދިވެހި ގައުމިއްޔަތާއި، ދިވެހި ވެއްޓަށް އަހުލުވެރިވާ ވަށައިގެންވާ މާހައުލަށް ލޯހުޅުވޭ ގޮތުގައި ތައުލީމުގެ ބިންގާ އެޅުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސިޔާސަތެއް،" ރައީސް ސޯލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސަތުތައް ކަނޑައެޅުމުގައި ކޮންމެ ރަށަކަށް ބޭނުންވާ ތަރައްގީގެ މަޝްރޫޢުތައް ފާހަގަކޮށްފައިވާއިރު، ކުރިއަށް އޮތް ދައުރުގައި ގައްދޫއަށް ބޭނުންވާ ތަރައްގީގެ މަޝްރޫޢުތައްވެސް ލިސްޓު ކުރެވިފައިވާކަމަށެވެ. އޭގެ ތެރޭގައި ގައްދޫގެ މަގުހެދުމުގެ ފޭސް ދޭއްގެ ދަށުން ހުރިހާ މަގުތަކެއް ހެދުމަށް ނިންމާފައިވާ ކަމަށާއި، އަދި ގައްދޫގެ ބިން ހިއްކައި ރޯހައުސް އަޅައިދޭނެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން، ކުރިއަށް އޮތް ދައުރުގައި ޕޮލިޓެކްނިކްގެ އާއިމާރާތެއް ގައްދޫގައި ގާއިމުކުރުމާއި، ގަމާއި ގައްދޫ ގުޅުވާލަދޭނެކަމަށްވެސް ރައީސް ސޯލިޙް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން