ވެރިކަމުގައި އޭރަކު ހުންނަވާ ބޭފުޅަކު ބަދަލުކުރަން ބޭނުންވެއްޖެ ނަމަ މީގެ ކުރިން އިދިކޮޅުގައި ތިބޭ ހުރިހާ ލީޑަރުން އެއްގަލަކަށް އަރާ ކަމަށާއި އެހެން ނަމަވެސް މި ފަހަރު އެކަމެއް ނުވި ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގދ. ގައްދޫގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި، ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުތަކާ މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބު ވަރަށް ތަފާތުކަމަށެވެ. އެގޮތުން މީގެކުރިން ހުރިހާ ސިޔާސީ ލީޑަރުން އެއްގަލަކަށް އަރައި ކޯލިޝަން ހަދަނީ ވެރިކަމުގައި ހުންނަވާ ބޭފުޅަކު ބަދަލުކުރަން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

އެހެން ނަމަވެސް މިހާރު ފެންނަ މަންޒަރަކީ ވެރިކަން ބަދަލުކުރަން ކޯލިޝަން ހެދުމުގެ ބަދަލުގައި ވެރިކަމުގައި ތިބި މީހުންނާއެކު ކޯލިޝަން ހަދައި، ރިޔާސީ އިންތިޚާބާ ކުރިމަތިލާފައިވާ މަންޒަރު ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.



"މި އިންތިޚާބަށް ނިކުތް އެއްވެސް ބަޔަކާ އެކީގަ ބައިވެރިވާނެ ބަޔަކު ނުވި. ވަކިވަކިން ނުކުމެ ވަޑައިގެން ތިއްބެވީ. އެހެންނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ސީރިއަސް ކަމާއެކީގަ މި އިންތިޚާބަށް ނުކުމެވަޑައިގެން ބޭފުޅުންކޮޅެއް އެބަތިބި. ބޭނުންވަނީ ވެރިކަން. ވެރިކަމުގަ ހުންނަ މީހާ ބަދަލުކުރާކަށް ނޫން. ވާދަކޮށްގެން ވެރިކަމަށް އާދެވޭތޯ. މީގެ ކުރިން 2008ން ފެށިގެން ބޭއްވުނު އިންތިޚާބުތަކާ ތަފާތު އިންތިޚާބެއްގެ ގޮތުގަ ފާހަގަކުރެވެނީ. އެއްގޮތެއްގަ ބަލާނަމަ، އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީއަށް ފައްކާވަމުން އަންނަކަން." ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ، އިދިކޮޅު ވާދަވެރިންގެ ސިޔާސަތުތަކެއް ނެތް ކަމަށެވެ. އަދި އިދިކޮޅު ޕާޓީތަކުން އަބަދުވެސް ބުނަމުންދަނީ އެމްޑީޕީން ވާ ވައުދުތައް ނުފުއްދޭނެ ވާހަކަ ކަމަށާއި އިދިކޮޅު ފަރާތްތަކުގެ ސިޔާސަތަކީ އެއީ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިފަހަރު ވެސް ވާދަވެރިންގެ މެނިފެސްޓޯއަކަށް ވާނީ އަޅުގަނޑުމެން ވީ ވައުދުތަކަކީ ނުކުރެވޭނެ ކަމެއް ކަމަށް ބުނުން. އެހެން ނަމަވެސް މިއަދު ފަސް އަހަރު ފުރިގެންދާއިރު މި ތިބީ ވައުދުތަކުގެ ބޮޑު ބައި ކޮށްދީ ނިންމައިގެން،" ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން