ޚިޔާލު ތަފާތުވުންތައް އެއްގޮތްކޮށް އެއް ގަލަކަށް އެރީކަމަށްބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ޑރ. މުއިއްޒުގެ ކެމްޕެއިނަށް ނުކުމެއްޖެއެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ފުރަތަމަ ޓިކެޓު އެރުވީ ކުރީގެ ރައީސް ޔާމީނަށެވެ. އެހެންނަމަވެސް ޔާމީންގެ ކެންޑިޑެސީ ޝަރުޠު ހަމަނުވާކަމަށް ސުޕްރީމް ކޯޓުން ނިންމުމާއެކު އިދިކޮޅު ދެޕާޓީގެ ލީޑަރޝިޕުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިގެންދިޔައެވެ. ޔާމީން އެންގެވީ އިންތިޚާބު ބޮއިކަޓްކުރުމަށެވެ. އެއާ ދެކޮޅަށް ބަޔަކު ނުކުމެ ސެނެޓުގައި ޔާމީންގެ އެންގެވުމުގެ މައްޗަށް ކުރިވެސް ހޯދިއެވެ.

އެބައިގައި ގިނައީ ޑރ.މުއިއްޒަށް ތާޢީދުކުރާ މީހުންނެވެ. ފަހުން ޔާމީން ވިސްނުންފުޅު ބަދަލުކޮށް މުއިއްޒަށް ތާޢީދުކުރެއްވިއެވެ. އެކަން ވަކީލުން މެދުވެރިކުރައްވައި ހާމަކުރެއްވީ މުއިއްޒު ކެންޑިޑެސީ ފޯމު ހުށަހަޅުއްވަން ދަރުބާރުގޭގައި ހުންނަވަނިކޮށެވެ.

ފޯމު ހުށަހެޅުއްވުމަށް މުއިއްޒާއެކު ޕީޕީއެމުން ދިޔައީ އެސްޖީ ޠަލާލެވެ. ލީޑަރޝިޕްގެ މީހަކު ނުފެނެއެވެ. ފޯމު ހުށަހެޅުއްވުމަށްފަހު މުއިއްޒާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ނުކުމެވަޑައިގަތުމުން ނޫސްވެރިންގެ ސުވާލުތަކާ ކުރިމަތިވިއެވެ. އެބޭފުޅުން މާގިނަ ޖަވާބެއް ނުދެއްވިއެވެ. ފެނުނީ ނުތަނަވަސްކަމެއް އޮތްކަމެވެ. އެރޭ ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕާއެކު ޕްރެސްކޮންފަރެންސްއެއް އޮންނާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެންނަމަވެސް އެރޭ އެ ޕްރެސްއެއް ވެސް ނުބާއްވައެވެ. އޮތީ ދޮރުމަތީގައި އިހުތިޖާޖެކެވެ. އިހުތިޖާޖުގައި މުއިއްޒުގެ ވާހަކައެއް ނުދައްކައެވެ.

އެރޭފަހުން ރޭ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ވަނީ އެއްގަލަކަށް އަރައި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް ނުކުތްކަން ހާމަކޮށްފައެވެ.

މިހާރު ބުނަނީ އެންމެން އެކަތިގަނޑެއްގެގޮތުގައި ތިބިކަމަށެވެ. މުއިއްޒުގެ ފުރަތަމަ ވަޢުދަކީ ޔާމީން މިނިވަންކުރުމެވެ. ދެން ޔާމީންގެ ލެގަސީ ދެމެހެއްޓުމެވެ. ތަކުރާރުކޮށް ވިދާޅުވީ ޔާމީނަށް ވަފާތެރިވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން