އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގދ. މަޑަވެއްޔަށް ވަޑައިގެން އެރަށުގައި ޖަލްސާ ބައްވާން ތައްޔާރުކުރި އެމްޑީޕީގެ ޖަގަހަ ބަޔަކު ރޯކޮށް އަންދާލި މައްސަލަ ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ކުށްވެރިކޮށްފިއެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ މިދުވަސްވަރަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރުކަމުން ސިޔާސީ ޙަރަކާތްތައް އިތުރުވާނެކަން ފާހަގަކޮށް އެފަދަ ޙަރަކާތްތަކުގައި ބޭނުންކުރާ މުދަލާއި ތަކެއްޗަކީ އާންމު ފަރުދުންނާއި ސިޔާސީ ޕާޓީތަކުގެ އަގުހުރި މުދާ ކަން ފާހަގަކޮށްފައެވެ. އަދި އެފަދަ މުދަލަށާއި ތަކެއްޗަށް ގަސްތުގައި ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށުގެ އަމަލުތައް ކަމަށާ، އެއްވެސް ފަރާތެއްގެ އިންތިޚާބީ އެއްވެސް ހައްޤަކަށް އަރައިނުގަތުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ކުށުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ހުވަދު އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ޖަލްސާ ބާއްވަން މަޑަވެލީގައި އެމްޑީޕީގެ ޖަގަހައެއް ޒީނަތްތެރިކޮށް ޖަލްސާއަށް ތައްޔާރުކޮށްފައިވަނިކޮށް އިއްޔެރޭ ދަންވަރު ބަޔަކުވަނީ އެތަނުގައި ހުޅުޖަހައި އަންދާލާފައެވެ.

މިޙާދިސާ ހިނގިއިރު އަދި ރައީސް ޞާލިޙު ހުވަދުއަތޮޅަށް ވަޑައެއް ނުގަންނަވައެވެ. އެމަނިކުފާނު އޭރު ހުންނެވީ ދ. އަތޮޅުގައެވެ. ހުވަދުއަތޮޅަށް ވަޑައިގެންނެވީ މިޙާދިސާ ހިނގިފަހުން އެދުވަހުގެ ވަގުތެއްގައެވެ. އެއަތޮޅުގެ ފުރަތަމަ މަންޒިލަކީވެސް މަޑަވެއްޔެއެވެ.

އެމްޑީޕީ ޖަގަހަވަނީ އަނދާ އަޅިއަށްވެފައެވެ. އެތަނުގައި ހުޅުޖެހިކަމަށް ބެލެވެނީ މެންދަމުން އަލިވެ، 3 ގެ ފަހުންކަމަށް މަޢުލޫމާތުލިބެއެވެ. އަލިފާން ރޯވިކަން އެނގުމާއެކު ފަތިހު ރައްޔިތުންގެބަޔަކު ނުކުމެވަނީ އަލިފާން ނިއްވާލާފައެވެ.

މިމައްސަލަ ފުލުހުން އަންނަނީ މިހާރު ތަހުޤީޤުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން