ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ ކަންކަމާ ވަރަށް ދުރުގައި އުޅުއްވާ މަޝްހޫ ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އޭނާގެ ސިޔާސީ ކުރިމަގާމެދު ނިންމަވާގޮތެއް ޢިއުލާންކުރައްވާނެ ވާހަކަ ވިދާޅުވީފަހުން ޚަބަރެއް ނުވެ ހުންނެވުމަށްފަހު މިއަދު ޓްވީޓެއް ކުރައްވައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރެއްގެގޮތުގައި ހުންނެވި ޑރ. ޝަހީމަކީ ރައީސް ޔާމީން 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނެވިއިރު ރަނިންމޭޓެވެ. ޔާމީންގެ ވެރިކަމަށްފަހު ޝަހީމް ވަރަށްގިނަދުވަހު ރާއްޖެއިން ބޭރުގައި އުޅުއްވިއެވެ. އޯއައިސީގެ ވަޒީފާއެއްގައި ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅުއްވުމަށްފަހު ރާއްޖެ ވަޑައިގަތްފަހުންވެސް ސިޔާސީ ކަންކަމަކުން ނުފެނެއެވެ. މުޅިންހެން ފެންނަނީ އިސްލާމް ދީން ކުރިއެރުވުމާއި ތަޢުލީމީ ދާއިރާގެ މަސައްކަތްތަކެއްގައި އުޅުއްވާތީއެވެ.

އެހެންނަމަވެސް މިމަހުގެ 5ވަނަ ދުވަހު ޑރ. ޝަހީމް ވަނީ އޭނާގެ ސިޔާސީ ކުރިމަގާމެދު ނިންމަވާ ނިންމެވުމެއް ޖެހިގެން އަންނަ ދުވަހު ހާމަކުރައްވާނެކަމަށް ވިދާޅުވެއެވެ. ޖެހިގެން އައިދުވަހު ސިޔާސީގޮތުން ރާއްޖޭގެ މަސްރަހަށް ބޮޑު ބަދަލެއް އައެވެ. އެއީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް ސުޕްރީމްކޯޓުން ކަނޑައެޅުމެވެ.

ޑރ. ޝަހީމްގެ ނިންމެވުމަށް މީޑިއާތަކާއި ޢާންމުން އިންތިޒާރުކުރިނަމަވެސް މިހާތަނަށްވެސް ވަކި ޖަވާބެއް ނުދެއްވައެވެ. އޭގެފަހުން ފުރަތަމަ ފަހަރަށް މިއަދު ދެ ޓްވިޓެއް ކުރެއްވިއެވެ. ފުރަތަމަ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި އިސްލާމީ ޢިލްމު ފަތުރައި އިސްލާމީ ޙަޟާރަތު ދިރުވައި ކުރިއަރުވައި ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ ޤައުމީ އަދި އުންމަތުގެ މަތިވެރި ޚިދުމަތުގައި އަބަދުވެސް ދެމި ހުންނަވާނެކަމަށެވެ.



ދާދިފަހުން ޑރ. ޝަހީމާ ގުޅޭގޮތުން ބައެއް އަޑުތައް ވަނީ ފެތުރިފައެވެ. އެއީ އޭނާ ޖުމްހޫރީ ޕާޓީއާ ނުވަތަ ޢަދާލަތު ޕާޓީއާ ނުވަތަ ސަރުކާރާ ގުޅިވަޑައިގަންނަވަން އުޅުއްވާކަމުގެ އަޑުތަކެވެ. އެހެންނަމަވެސް މިއިން އެއްވެސްކަމަކާ ބެހޭގޮތުން ރަސްމީ އެއްވެސް ފަރާތަކުން އެއްޗެއް ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން