ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް، ގޯތި ލިބުނު ކަމުގެ ލިޔުން މިމަހު ހަވާލުކުރާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯއްޗަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ވަގުތީ ލިސްޓް ސަރުކާރުން އިއުލާން ކުރީ މިދިޔަ ޖޫންމަހުއެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މިޕްރޮގްރާމްގެ ދަށުން ބަންޑާރަ ގޯއްޗަށް އެދި 23088 މީހުންގެ ފަރާތުން، 15164 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ.

ރައީސް ސާލިހު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ މިމަހު ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރާނެކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ބިންވެރިޔާގެ ސްކީމްގެ ދަށުން ދޫކުރާ 5000 ގޯތި, 10314 މީހަކަށް ލިބޭނެއެވެ.

ފްލެޓާއި ގޯތި ލިބޭ މީހުން ކަނޑައަޅާފައިވަނީ އެކަމަށްޓަކައި ކަނޑައެޅި ޚާއްސަ ކޮމިޓީއަކުންނެވެ. އެ ކޮމިޓީން ބުނީ ބޯހިޔާވަހިކަމަށް އެދި ފޯމް ހުށައެޅުމުގެ މުހުލަތު ހަމަވިއިރު ހުށައަޅާފައިވާ 35861 ފޯމްގެ ތެރޭގައި ބިންވެރިޔާ ސްކީމަށް 15164 ފޯމް ހުށަހަޅާފައިވާކަމަށެވެ. އެ ފޯމްތަކަކީ އެކަކަށް ވުރެ ގިނަ މީހުންވެސް ހިމެނޭ ގޮތަށް ހުށަހަޅާފައިވާ ފޯމްތަކެވެ. އޭގެތެރޭގައި 9 މީހުންގެ ނަމުގައި ހުށަހަޅާފައިވާ ފޯމް ވެސް ހިމެނެއެވެ.

ކޮމިޓީން ބުނީ 19858 މީހުން ގޯއްޗަށް ޝަރުތު ހަމަވާކަަމަށެވެ. އަދި 10314 މީހަކަށް ގޯތި ލިބޭނެކަމަށްވެސް އެ ކޮމިޓީން ބުންޏެވެ.

ގޯތީގެ ބޮޑުމިން ކަނޑައަޅާއިރު، ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަފޫޓުކަމަށާއި، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރުކުރާނެއެވެ. އަދި 7 މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވާނަމަ 4000 އަކަފޫޓުގެ ގޯއްޗެއް ލިބޭނެކަމަށްވެސް ސަރުކާރުން ބުނެއެވެ.

ޝަރުތު ހަމަވި 19858 މީހުންގެ ތެރެއިން 10314 މީހަކަށް މިފަހަރު ގޯތި ލިބިފައިވާއިރު، ގޯތި ނުލިބުނަސް، ޝަރުތު ހަމަވާ 9544 މީހަކު މި ލިސްޓުގައި ހިމެނެއެވެ. ލިސްޓުން އެ ފަރާތްތައް އެނގޭނެކަމަށާއި އަދި އެ ފަރާތްތަކަށް ކުރިއަށް އޮތްތަނުގައި އިއުލާންކުރާ ސްކީމްތަކުން ގޯތި ލިބުމުގެ ފުރުސަތު ބޮޑުވާނޭކަމަށް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން