ހުކުމް ފަސްކޮށްދިނުމަކީ ޤާނޫނުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫންކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފިޝަލުން މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރިކަމުގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ހައި ކޯޓުގައި އެދިފައިވާ ދަނޑިވަޅެއްގައެވެ.

ޕީޖީ އޮފިޝަލަކު ވިދާޅުވީ ޔާމީންގެ ފަރާތުން ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިވީނަމަވެސް އެއީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގަވައިދުގައިވެސް އަދި ކޯޓުގެ އުސޫލަކުން ވެސް އެކަން ބަޔާންކޮށްފައި ނުވާ ކަމަށް ޕީޖީގެ އޮފިޝަލުން ފާހަގަކުރައްވައެވެ.

ޕީޖީގެ އޮފިޝަލުން ވިދާޅުވީ އެކަމަށް އެދެން ފޯމެއް ވެސް ނޯންނާނެކަމަށާއި، އަދި އެކަމަށް ފޯމެއް ނެތީވެސް އެއީ ނުކުރެވޭނެ ކަމަކަށްވާތީކަމަށެވެ. އަދި އެއީ ކޯޓުން ބަލައިގަންނާނެ ކަމެއް ވެސް ނޫންކަމަށާއި ގަވައިދުން ހުއްދަ ކުރާނެ ކަމެއް ވެސް ނޫންކަމަށް ޕީޖީގެ އޮފިޝަލުން ވިދާޅުވެއެވެ.

ޔާމީންގެ ވަކީލުން ވިދާޅުވި ގޮތުގައި ފޯމެއް ނެތަސް، ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދެވިދާނެއެވެ. އެގޮތުން ޔާމީންގެ ފަރާތުން ހުކުމް ތަންފީޒުކުރަން ފަސްކޮށްދިނުމަށް އެދިފައިވަނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ތައްޔާރު ކޮށްފައިވާ މަދަނީ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އެދި ހުށަހަޅާ ފޯމުގައެވެ. ނަމަވެސް އެ ފޯމު ހުށަހަޅައިގެން ޖީނާއީ ހުކުމެއް ފަސްކުރުމަކީ ކުރެވޭނެ ކަމެއްތޯ ނުވަތަ ނޫންތޯ އެނގޭނީ ހައިކޯޓުން ނިންމާ ގޮތެއްގެ މަތިންނެވެ.

ރައީސް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ސަބަބުން އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތުވެސް ވަނީ ގެއްލިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން