ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދައުލަތުގެ ޚަރަދުގައި މާސްޓަރސް ޑިގްރީއާ ހަމައަށް ކިޔެވޭނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި ހަމައެކަނި ކިޔެވެންވާނީ ފުރަތަމަ ޑިގްރީއާ ހަމައަށް ނޫންކަމަށާއި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި މާސްޓަރސް ޑިގްރީގެ ސަނަދާ ހަމައަށްވެސް ދާނީ ދައުލަތުގެ ޚަރަދުގައި ކަމަށެވެ.

ޤާސިމް ވިދާޅުވީ، އެކި ދަރިވަރުން ކިޔަވަން ނަގާފައި ހުރި ހުރިހާ ސްޓޫޑެންޓް ލޯނެއްވެސް އެމަނިކުފާނުގެ ވެރިކަމެއްގައި މައާފުކޮށްދެއްވާނެ ކަމަށެވެ.

"ފަސްޓް ޑިގްރީއެއް ނޫން، މާސްޓަރސް ޑިގްރީއާ ހަމައަށްވެސް ދާނީ ދައުލަތުގެ ޚަރަދުގަ އިރާދަކުރެއްވިއްޖެއްޔާ. އަދި ކީއްކުރަންތޯ؟ މިހާރު ނަގާފައި ހުރި ހުރިހާ ލޯނެއްވެސް މާފު،" ގާސިމް ވިދާޅުވިއެވެ.



ސަރުކާރުން ދީފައިވާ ސްޓޫޑެންޓް ލޯންގެ އިތުރުން، ޤާސިމް ވަނީ އެމަނިކުފާނުގެ ހަރަދުގައި ކިޔަވަން އެކި ފަރާތްތަކަށް ވިލާ ފައުންޑޭޝަނުން ދީފައިވާ ލޯނުތައްވެސް މައާފްކޮށްދެއްވާފައިވާކަން މިރޭ އިއުލާންކުރަށްވާފައެވެ.

މީގެކުރިން ގާސިމް ވަނީ ކޯވިޑާއި ގުޅިގެން ސިއްހީ ދާއިރާއިން ކިޔެވުމަށް ވިލާ ފައުންޑޭޝަނުން ނަގާފައިވާ ލޯނުތައްވެސް މައާފް ކޮށްދެއްވާފައެވެ.

ޤާސިމްގެ އެހީގައި ތައުލީމު ހޯދާފައިވާ އަދި ހޯދަމުންދާ ކުދިންގެ ޖުމްލަ އަދަދު 8،000 އާއި ގާތްކުރެއެވެ. އަދި އެކަމަށް ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް ބިލިއަނެއްހައި ރުފިޔާ ވަނީ ހަރަދުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން