ރިޔާސީ އިންތިހާބަށް އެމަނިކުފާނު ވެވަޑައިގަންނަވަމުން ގެންދަވާ ވައުދުތައް ފުއްދާނެކަން ރައްޔިތުންނަށް މިހާރު ގަބޫލުކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ގއ. ދާންދޫއަށް މިއަދު ވަޑައިގެން ވެހެމުންދިޔަ ބޯ ވާރޭގެ ތެރޭގައި ސަޕޯޓަރުންނާ ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، އެމަނިކުފާނު މިހާރު ވެވަވަޑައިގަންނަވާ ވައުދުތައް ފުއްދަވާނެ ކަމަށެވެ. އެގޮތުން ސަރުކާރުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ބެލުމުން ރައްޔިތުންނަށް އެ ވައުދުތައް ގަބޫލުކުރެވޭނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ޔަގީންކަން މުޅި ރާއްޖެއިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށާއި، ދަތުރުފުޅުތަކުން އެނގިވަޑައިގަތީ އުފާވެރި އަމާން ރާއްޖެ އަކަަށް ދިޔުމަށް ރައްޔިތުން ބޭނުންވެފައި ތިބި މިންވަރު ކަމަށެވެ.

"އަޅުގަނޑުމެން މިކަން ކުރަން ވާނީ އެއްބުރުން، 09 ސެޕްޓެންބަރުގައި ނުކުމެ ބޮޑުކޮށް ނިކުމެ ވޯޓް އަޅުއްވާ، އިރާދަކުރެއްވިޔާ މި އިންތިހާބު އަޅުގަނޑުމެން ކާމިޔާބުކުރާނީ އެއްބުރުން ބޮޑުތަނުން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މިއަދު ވަނީ ދާންދޫއަށް ރިޔާސީ ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން އެރަށުގެ ހިއްކި ސަރަހައްދުގައި ފްލެޓު/ ރޯހައުސް އަޅައިދިނުމާއި ސިއްހީ މަރުކަޒުގެ ވަސީލަތްތައް އިތުރުކުރަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެރަށުގެ ބޮޑެތި ހުރިހާ މަގެއްގައި ތާރު އަޅައި ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމެއް އަޅައި ތިރީސް އެނދުގެ ހޮސްޕިޓަލެއް އަޅައި ބޭންކްގެ ހިދުމަތް އެރަށުގައި ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން