ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ފަސްކުރުމާއި ބެހޭގޮތުން އަންނަ އާދިއްތަ ދުވަހު ގޮތެެއް ކަނޑައަޅާނެ ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވެއްޖެއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއިއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ކުރަން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ޔާމިންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމް ފަސްކޮށްދިނުމުގެ އަމުރަކަަށް ހައި ކޯޓުގައި ވަނީ އެދިފައެވެ.

އެމައްސަލައާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުން ނިންމާލައްވަމުން ހައިކޯޓުގެ އެމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އަންނަ އާދިއްތަ ދުވަހު އެމައްސަލައާއި މެދު ވަކިގޮތެއް ނިންމަވައި ލިޔުމުން އެކަން އަންގަވާނެ ކަމަށެވެ.

ޕީޖީ އޮފީހުގެ ވަކީލު ވިދާޅުވީ ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެވޭނެ ގާނޫނީ ހަމައެއް މިހާރު ރާއްޖޭގެ ނިޒާމުގައި ނެތް ކަމަށެވެ. އަދި ޔާމީން ކުރިން ޖަލަށްލި މައްސަލާގައި އޭރު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވެސް އެގޮތަށް ނިންމާފައިވާކަން ފާހަގަކޮށް ދައުލަތުން ވަނީ ޖަލު ހުކުމާއި ޖޫރިމަނާ ފަސްކުރުމުގެ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ނިންމައިދޭން އެދިފައެވެ.

ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވީ ޔާމީންގެ ޖަލު ހުކުމާއި ޖޫރިމަނާއަކީ ދަށު ކޯޓުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެ ހުކުމް ތަންފީޒު ކުރުން ފަސްނުކޮށްފިނަމަ ބޮޑެތި ގެއްލުންތަކެއް ޔާމީނަށް ލިބޭނެ ކަމަށް ޖަމީލް ވަނީ ފާހަގަކުރަށްވާފައެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވެސް ވަނީ އެމަނިކުފާނު ސިއްހީ ހާލަތު ރަނގަޅު ނޫން ކަމަށް ވިދާޅުވެ ގޭބަންދަށް ބަދަލު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ. ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނު ޖޫރިމަނާ ފައިސާ ދައްކަވައިފިނަމަ ހުކުމް ބާތިލް ކުރުމުން އެ ފައިސާ ދައުލަތުން އަނބުރާ ހޯދަން އުނދަގޫވާނެ ކަމަށެވެ.

ޔާމިން ވިދާޅުވީ މާފުށީ ޖަލުގައި މި ވަގުތު ވެސް ހުންނެވީ ހޮސްޕިޓަލަށް ވަޑައިގެން އެޑްމިޓްވާންޖެހޭ ފަދަ ސިއްހީ ހާލަތެއްގައި ކަމަށެވެ. އެހެން ނަމަވެސް އެކަން އެ ގޮތަށް ނުކުރައްވައި މަޑުކުރައްވަނީ އާއިލާއަށް ލިބިދާނެ އިތުރު ހިތްދަތިކަމަކަށްޓަކައި ކަމަށް ވިދާޅުވެ ވަރަށް އާދޭހާއެކު ގޭބަންދަށް ބަދަލުކޮށް ދިނުމަށް ޔާމިން ވަނީ އެދިވަޑައިގެންފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން