ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް، ގާސިމް އިބްރާހިމް އިރުޝާދުދެއްވީ ބިނާކުރަނިވި ކަންކަމުގެ މައްޗަށް މެނިފެސްޓޯ އެކުލަވާލަންކަމަށް އެ މަސައްކަތުގައި އިސްކޮށް އުޅުއްވި ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަހްމޫދު ޝައުޤީ ވިދާޅުވެއްޖެއެވެ.

ޑރ. ޝައުޤީ މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ލޯންޗުކޮށްދެެއްވީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްއެވެ.

ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އެކުލަވާލާފައިވަނީ 9 ބަޔަކަށް ބަހާލާފައިވާ 200 އެއްހާ ވައުދުގެ މައްޗަށް ބިނާކޮށެވެ.

މެނިފެސްޓޯ އެކުލަވާލެއްވުމުގައި އިސްކޮށް އުޅުއްވި ކުރީގެ އެޑިއުކޭޝަން މިނިސްޓަރުކަމާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަޤާމު އަދާކުރެއްވި ޑރ. މަހްމޫދު ޝައުޤީ ވިދާޅުވީ މެނިފެސްޓޯ އެކުލަވާލުމުގައި ގާސިމްގެ ވަރަށް ބޮޑު އިރުޝާދެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ބިނާކުރަނިވި މެނިފެސްޓޯއަކަށް ހެއްދެވުމަށް ގާސިމް އިރުޝާދު ދެއްވާފައިވާކަމަށްވެސް ޑރ. ޝައުޤީ ވިދާޅުވިއެވެ.

ޑރ. ޝައުޤީ ވިދާޅުވީ މެނިފެސްޓޯ ތައްޔާރުކުރުމުގައި ކުރީގެ ވެރިންގެ ޒައާމަތުގައި ކޮށްފައިވާ ރަނގަޅު ކަންކަމުގެ މައްޗަށް ބިނާކޮށް މެނިފެސްޓޯގައި ކަންކަން ހިމަނަން އިސްކަންދީފައި ވާކަމަށެވެ. އަދި ކުރިން ފެނިފައިވާ ފަނާކުރަނިވި އެއްވެސް ކަމެއް މެނިފެސްޓޯގައި ނޯންނާނެކަންވެސް ޑރ. ޝަޢުޤީ ފާހަގަކުރެއްވިއެވެ.

"ރައީސް ނާސިރު އަދި ރައީސް މައުމޫނާއި ދެންވެސް ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ވަޑައިގެންނެވި އެކި ބޭފުޅުންގެ ޒައާމަތުގައި އެބަހުރި ރަނގަޅު ބަދަލުތަކެއް ގެނެސްފައި. ލީޑަރު ވިދާޅުވީ މެނިފެސްޓޯ ބިނާކުރަންވާނީ އެ ބަދަލުތަކުގެ މައްޗަށޭ. ފަނާކުރަނިވި ވިސްނުމަށް މެނިފެސްޓޯ ބައްޓަން ނުކުރާށޭ ވިދާޅުވި،" ޑރ. ޝައުޤީ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯގައި ހުރިހާ ދާއިރާއަކަށް އަމާޒުކޮށް ވައުދުތައް ހިމަނާފައިވީނަމަވެސް، ގާސިމްގެ އެންމެ މުހިންމު އެއް އަސާސަކީ ރާއްޖޭގެ ދީނާއި މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތް ކުރެވޭނެފަދަ އަސާސަކަށް މެނިފެސްޓޯ ހެދުން ކަމަށްވެސް ޑރ. ޝައުޤީ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯގައި ޒުވާނުންނާއި ތައުލީމާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިންނާއި ގުޅޭ ކަންކަމުގެ އިތުރުން، އިޖްތިމާއީ، އިޤްތިޞާދީ، އަދުލްއިންސާފު، ކުޅިވަރު، ވަޒީފާ އަދި މިހެން ގޮސް ޤައުމީ ތަރައްޤީއާ ގުޅޭ ހުރިހާ ދާއިރާއަކުން ވަނީ ވައުދުތައް ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން