ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ބޭފުޅުން، ކެމްޕޭނު ޙަރަކާތްތައް އަމާންކަމާއި އޮމާންކަމާއެކީ ކުރިޔަށް ގެންދިޔުމަކީ ކެންޑިޑޭޓުންނަށާއި، ތާއީދު ކުރައްވާ ބޭފުޅުންނަށް ލިބިގެންވާ ޙައްޤެއްކަމަށާއި އެކަންކަމަށް ހުރަސް އެޅުމަކީ މަނާކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ.

ހަބީބް މިހެން ވިދާޅުވެފައި މިވަނީ ބައެއް ފަރާތްތަކުން ރައީސް ސާލިހުގެ ކެމްޕެއިންނަށް ހުރަސް އަޅަމުންދާކަމަށް އެމްޑީޕީން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ބައެއް ރަށްރަށަށް ރައީސް ސާލިހު ވަޑައިގަތުމުން އިދިކޮޅު ފަރާތްތަކުން އަންނަނީ މުޒާހަރާތައް ބާއްވައި އަޑުއުފުލަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކެމްޕޭނު ކުރެއްވުމުގައި، އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަންނަގޮތަށް، ޤަދަރާއި އިޙްތިރާމް ކުޑަކުރުމުގެ ސަބަބުން، އަނެކާއަށް އެ ޙައްޤު މިނިވަން ގޮތުގައި އިޚްތިޔާރު ކުރުމަށް، ހުރަސްއެޅޭ ފަދަ ޢަމަލު ކުރުމަކީ، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 74 ވަނަ މާއްދާއިން މަނާކުރާ ކަމެއްކަމަށެވެ.

ހަބީބް ވިދާޅުވީ ކެންޑިޑޭޓުންގެ ކެމްޕޭނަށް ހުރަސް އެޅުމުގެ ގޮތުން، ކެމްޕޭން ޙަރަކާތް ބޭއްވޭ ސަރަހައްދުގައި އަޑުގަދަކޮށް، ކެމްޕޭނުގެ މެސެޖު ފޯރުކޮށްދިނުމަށް ހުރަސް އެޅޭ ގޮތަށް ޢަމަލުކުރުމާއި، މުދަލަށް ގެއްލުން ދިނުމާއި، ކެންޑިޑޭޓުންގެ ދަތުރުތަކަށް ހުރަސް އެޅުން ފަދަ ކަންކަމަކީ ގިނަ ކެންޑިޑޭޓުން ކުރިމަތި ލައްވާފައިވާ މި ރިޔާސީ އިންތިޚާބު އަމާން ކަމާއި އޮމާންކަމާއެކު ގެންދިޔުމަށް ހުރަސް އެޅިދާނޭ ކަންކަންކަމަށެވެ.

ހަބީބް ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ ބޭނުންކުރުމުގައި، ކެންޑިޑޭޓުންގެ އަބުރަށް ހުތުރުވާ ގޮތަށް، ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި، ދޮގު އިލްޒާމު އެޅުވުމަކީ، ސުލްޙަވެރި ސިޔާސީ ޙަރަކާތުގެ ހަމަތަކާ ޚިލާފު، އަދި ހަމަނުޖެހުމަށް މަގުފަހިވެދާނެ ކަންކަންކަމަށެވެ.

"ތިމާޔަށް ލިބިގެންވާ ޙައްޤުތަކުގެ ބޭނުންކުރުމުގައި، އަނެކާގެ ޙައްޤުތަކަށް އިޙުތިރާމު ކުރުމަކީ ތަހުޒީބު މުޖުތަމަޢެއްގެ އަސާސް،" ހަބީބް ވިދާޅުވިއެވެ.

ހަބީބް ވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދުކުރުމުގެ މަސައްކަތްތަކުގައި ޝާމިލްވެ އުޅޭ އެންމެހައި ފަރާތްތަކުން، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދި ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤުތަކަށް އުނިކަން ނާންނާނެގޮތުގެ މަތިން ކެމްޕޭނު ޙަރާކަތްތައް ކުރިޔަށް ގެންދިޔުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުންވެސް އެއްވެސް ކެންޑިޑޭޓަކަށް ތަފާތު ކުރުމެއްނެތި، ހަމަހަމަ އުސޫލުން ކެމްޕޭނު ޙަރަކާތްތައް ހިންގުމުގެ މާޙައުލު ތަނަވަސް ކޮށްދެއްވުމަށްވެސް ހަބީބް އެދިވަޑައިގެންފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން