ސިޔާސީ ހިޔާލުތަފާތުވުންތަކަކީ ތަރައްގީއަށް އޮތް ހުރަހަކަށް ނުހައްދަވާނެ ކަަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގއ. މާމެންދޫގައި މިއަދު ހަވީރު ބޭއްވި އުފާވެރި އަމާންރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ، ސިޔާސީ ބޭނުމަށް ވަކި މީހަކަށް އަމާޒުކޮށްގެން އެއްވެސް ކަމެއް ސަރުކާރުން ނުކުރައްވާނެ ކަމަށެވެ.

ސިޔާސީ ހިޔާލުތަފާތުވުންތަކަކީ ތަރައްގީއަށް އޮތް ހުރަހަކަށް ނުހައްދަވާނެ ކަމަށާއި، ތަރައްގީ ގެންނާނީ ސިޔާސީ ހިޔާލު ތަފާތުވުންތަކާއިއެކު ކަމަށް ރަައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އޮތީ އެންމެ މަގުސަދެއް ކަމަށެވެ. އެއީ ރައްޔިތުންނަށް ހިދުމަތް ކުރުމާއި، ރާއްޖެ ތަރައްގީ ކުރުމާއެކު ހަމަޖެހުމާއެކު ރާއްޖޭގައި މީހުންނަށް ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުން ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.



މީގެ އިތުރުން ރައީސް ވަނީ ދެވަނަ ދައުރެއްގައި މާމެންދޫއަށް ކޮށްދެއްވާނެ ކަންކަން ހާމަކުރަށްވާފައެވެ. ރައީސް ވިދާޅުވީ އަންނަ ދައުރުގައި މާމެންދޫ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހި ކަމަށް ހައްލު ގެނައުމަށް ކުރިއަށް އޮތް ދައުރުގައި އެރަށުގައި ހައުސިން ޔުނިޓްތައް އަޅުއްވައިދެއްވާނެ ކަމަށާއި، ސްކޫލްގެ ދަތިކަން ހައްލުކުރެއްވުމަށް 8 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލެއް އަޅުއްވައިދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ރަށްގިރުުމުގެ މައްސަލަ ހައްލުކުރުމާއި، ކައުންސިލް އައު އިމާރާތް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރަައީސް މިއަދު ވަނީ ރައްޔިތުންގެ ވިސްނުން އެމަނިކުފާނުގެ ކޯލިޝަނާއެކު ބޭއްވުމަށް އެދިވަޑައިގެންފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން