ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދައުލަތުގެ ފައިސާ އިސްރާފުކުރާ ފަރާތްތައް މައިތިރިކޮށް، އެ ފަދަ ކަންކަން ހުއްޓުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރަނިން މޭޓް އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީން އިބްރާޙިމް ވިދާޅުވީ ރަށްރަށަށް ކެމްޕެއިނަށް ދިއުމުން ވަރަށް ގިނަ ކަންކަން ރައްޔިތުން ފާހަގަކުރަމުންދާކަމަށެވެ. އެގޮތުން ކެމްޕެއިނާއި ދިމާކޮށް، ރަށްރަށުގެ މީހުންނަށް އެކި ވަޒީފާތައް ހުށަހަޅަމުންދާކަމަށާއި، ވަޒީފާ ބޭނުން ނުވިޔަސް ވަޒީފާ ދޭން ހުށަހަޅަމުންދާކަން އަމީން ފާހަގަކުރިއެވެ.

"އެއްވެސް މަސައްކަތެއްނުކޮށް ގޭގައި އޮވެގެން 12 ވަރަކަށް ހާސް ރުފިޔާގެ މުސާރައެއް ދޭގޮތަށް. މިވަރުގެ ކަމެއް ރައްޔިތުން ދެކުނިންތޯ،" އަމީން ވިދާޅުވިއެވެ.



އަމީން ވިދާޅުވީ އިންތިހާބާއި ދިމާކޮށް ދޭ ވަޒީފާތަކަކީ ރައްޔިތުންގެ ޓެކްސް ފައިސާ ނުހައްގު ގޮތުގައި ބޭނުންކޮށްގެން ކުރާ ހަރަދުތަކެއްކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދައުލަތުގެ ފައިސާ އެގޮތަށް އިސްރާފުކުރާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާ، އެފަދަ ކަންކަން ހުއްޓުވާނޭކަމަށެވެ.

އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އެކުލަވާލާފައިވަނީ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކާއި ކަންބޮޑުވުންތަކުން އަރައިގަނެވޭނެ ހައްލުތައް ހިމަނައިިގެންކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގައި މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކަންބޮޑުވުންތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހާސްކަން ފިލުވާލައިދޭ ގޮތް މެނިފެސްޓޯގައި އޮންނާނެކަމަށް އަމީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން