އައްޑޫ ސިޓީއަށް ބައިނަލްއަޤްވާމީ ބަނދަރުތަކުން މުދާ އެތެރެ ކުރުމަށް މަގުފަހިކޮށްދިނުމަށް ގައުމީ ޝިޕިންގް ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނިން ގެންނަ ބޯޓް، އެމްއެސްއެސް އޯޕަލް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ބޯޓަކީ ބައިނަލްއަގްވާމީ ބާޒާރުން އައްޑޫ އަށް ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށްފަހު އައްޑޫ އަށް ގެންދިއުމާއި އަދި މާލެއިން ގަންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑޫއަށް ގެންދިއުމަށް ބޭނުންކުރާނެ އުޅަނދެކެވެ. އެމްއެސްއެސް އޯޕަލް އަކީ 105 ކޮންޓެއިނަރ އުފުލޭ، ބޯޓުގައި ކްރޭން ހަރުކުރެވިފައިވާ އުޅަނދެކެވެ. މީގެ ތެރޭގައި 20 ރީފަރ ކޮންޓެއިނަރ ހިމެނެއެވެ.

މި އުޅަނދަކީ ކްރޭން ހަރުކުރެވިފައިވާ އުޅަނދަކަށްވުމުން އައްޑޫ ސިޓީގެ ބަނދަރުގައި މިވަގުތު ކްރޭން ނެތިގެން ދިމާވާ އެއްވެސް ދަތިކަމެއް މި އޮޕަރޭޝަންގައި ދިމާވެގެން ނުދާނެކަމަށް އެމްއެސްއެސްއިން ބުނެއެވެ. އަދި މި އޮޕަރޭޝަންގެ ސަބަބުން މުދާ އުފުލުމުގައި ހުރި ދަތިތައް ހައްލުވެ، ޤަވާއިދުން އުފުލަދޭނެ އިތުބާރުކުރެވޭ ފަރާތެއް އުފެދި، ބާޒާރުގައި މި ޚިދުމަތުގެ އަގު އުފުލިގެން ދިއުން ހިފެހެއްޓިގެންދާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން މޫސުން ގޯސް ދުވަސްވަރު، ދެކުނުގެ ރަށްތަކަށް ކާޑުގެ ބާވާތްތައް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ފިލައި ކާޑުގެ ލިބުމުގެ ޔަގީންކަން އިތުރުވެގެންދާނެކަމަށް އެމްއެސްއެސްއިން ބުނެއެވެ.

މި ބޯޓް ރާއްޖެގެނެވި އިދާރީ އެންމެހައި ކަންކަން ނިމުމާއެކު ދުނިޔޭގެ ކޮންމެ ތަނަކުންވެސް އައްޑޫއާ ހަމައަށް، އެމްއެސްއެސް މެދުވެރިކޮށް މުދާ ގެނައުމަށް ބުކް ކުރުމަށް ހުޅުވާލެވޭނެއެވެ. ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާ މި ބޯޓް ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ މާލެ އެވެ. 2020 ވަނަ އަހަރު އުފެއްދި އެމްއެސްއެސް އިން މި ބޯޓް ގެނައުމާއެކު ވެގެންދާނީ އެ ކުންފުނިން ގެންނަ ފަސްވަނަ ބޯޓަށެވެ.

އައްޑޫގެ ސަރަހައްދީ ބަނދަރު ބައިންލައަގްވާމީ ބަނދަރުތަކާ ގުޅުވާލެވުމުން މާލެ ފިޔަވައި އިތުރު ސަރަހައްދެއްގައި ބައިނަލްއަޤްވާމީ ބަނދަރެއް ތަރައްޤީވެ ވަޒީފާގެ ފުރުޞަތުތައްވެސް ފަހިވެގެންދާނެއެވެ. އަދި މިއީ ސަރުކާރުގެ ލާ މަރުކަޒީ ސިޔާސަތަށް ވަރުގަދަކަން ލިއްބައިދޭނެ އިތުރު ބޮޅަކަށް ވެގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން