ބަންކަރިންގ ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއްކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ އެސްޓީއޯއިން ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭރުގެ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖެ އޮންނަ ސްޓްރެޓީޖިކް ސަރަހައްދުގެ މުހިއްމުކަމުގެ ވާޙަކަ ދެއްކިނަމަވެސް އެކަމުގެ ފައިދާ ނެގުމަށް އެއްވެސް ވަރަކަށް މަސައްކަތް ނުކުރާކަމަށެވެ. އަދި ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްޤީކުރުމުގެ ވާޙަކަ މީގެކުރިން ދެއްކިނަަމަވެސް އެއީ ހަރަދު ބޮޑުކަމެއްކަމަށް ބުނެ، އެކަން ކުރުން ކުރީގެ ސަރުކާރުތަކުން މަޑު ޖައްސާލާފައިވާކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ކަމަކީ އިޤްތިޞާދު ސިންދަފާތު ކުރުމަށް ކުރާ މަސައްކަތްތައް ކަމަށެވެ. އެގޮތުން އިހަވަންދިއްޕޮޅުގެ ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްްޤީކުރުމަކީ ސަރުކާރުގެ ތަސައްވުރެއް ކަމަށާއި، މިއަދު ސޮއިކުރެވޭ ބަންކަރިންގެ ހިދުމަތް ދިނުމުގެ އެއްބަސްވުމަކީ ޓްރާންޝިޕްމަންޓް ބަނދަރު ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ފެށުންކަމަށެވެ.

"ދުވާލަކު 250 ބޯޓު ދަތުރުކުރާ ޗެނަލެއްގައި ރާއްޖެ އޮންނަނީ، އެތައް ޓްރިލިއަން ޑޮލަރެއް މުދާ އަހަރަކު އުފުލާ. މާބޮޑަށް ލަސްވެއްޖެ މިކަން ކުރަން. ވާދަވެރިކަންވެސް ބޮޑުވެއްޖެ. އިންޑީއާއި އަދި ލަންކާގައި ޕޯޓްތައް ހަދައިފި. ނަމަވެސް އަދިވެސް ފައިދާތަކެއް ލިބިގެންދާނެ ރާއްޖެއިން ފެށީމަ" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްޤީކުރުމަކީ ބޮޑު މަސައްކަތެއް ނަމަވެސް، އެކަން ސަރުކާރަށް ހާސިކުކުރެވޭނެ ކަމަށެވެ.

ފައްުޔާޒު ވިދާޅުވީ ޓްރާންޝިޕްމަންޓް ބަނދަރާއެކު މުޅި އުތުރަށް ބޮޑު ބަދަލެއް އަންނާނެކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ އުތުރަކީ އިޤްތިޞާދީ ހަބައްގެ ގޮތުގައި ތަރައްޤީކުރުންކަމަށާއި ޓްރޭޑިންގ އާއި މެނުފެކްޗަރިންގެ މުޅިން އައު ކަންތައްތަކެއް އެ ސަަރަހައްދުގައި ތައާރަފްކުރާނެކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން