ޒަހީނުއްދީން ސަޢީދު   11 އޯގަސްޓު 2023 - 4:21
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޕީޕީއެމުން މިރޭ ވަކިވެވަޑައިގެންފި އެވެ.

ޕީޕީއެމުން އިސްތިއުފާ ދެއްވުމަަށްފަހު އިނގިރޭސި ބަހުން ނެރުއްވި ބަޔާނެއްގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ވިދާޅުވީ 10 އަހަރަށް ފަހު އެ ޕާޓީއާ ދުރަށް ވަޑައިގަތުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.

ޕީޕީއެމްގެ މެމްބަރު ކަމުން ވަކިވެވަޑައިގަތުމުގެ އިތުރުން އެމަނިކުފާނު މިރޭ ވަނީ އެ ޕާޓީގެ އެޑްވައިޒަރު ކަމުގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ.

ރައީސް ވަހީދު ޕީޕިއެމުން ވަކިވެވަޑަައިގެންފައިވާއިރު، އެމަނިކުފާނު މީގެކުރިން ވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވެ ވަޑައިގަންނަވާކަން ފާޅުކުރަށްވާފައެވެ. އެހެން ނަމަވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭ ގޮތް ނުވުމުން އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސާފައެވެ.

އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ބަޔާނުގައި ވަހީދު ވިދާޅުވީ ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރުކަމުން އިސްތިއުފާ ދެއްވަން ނިންމެވީ ފަރުވާތެރިކަމާއެކު ވިސްނަވަޑައިގެންނެވުމަށް ފަހުގައި ކަމަށެވެ.

"އަޅުގަނޑަށް އިހުސާސް ކުރެވެނީ އަޅުގަނޑުގެ ހުނަރު، ތަޖުރިބާ އަދި އިލްމު، ހަމަޖެހުމާއި ނަޒާހަތްތެރިކަމާއި ތެދުވެރިކަން އޮތް މާހައުލެއްގައި ހުރިހާ ދިވެހިންގެ ކާމިޔާބީއަށް ޓަކައި ބޭނުންކުރުން މުހިއްމު ކަމަށެވެ،" ވަހީދު ނެރުއްވި ބަޔާނުގައިވެއެވެ.

ޕީޕީއެމްގައި 10 އަހަރު ހުންނެވުމަށް ފަހު ވަކިވެވަޑައިގެންނެވިޔަސް، އެޕާޓީގެ މެމްބަރުންނާއި ރާއްޖޭގެ ރައްޔިތުންނަށް ހިތްޕުޅުގައި އަބަދުވެސް ގާތްކަން ބާއްވަވާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން