އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރުމަށްވުރެ ރަނގަޅުގޮތެއް ރާއްޖެއަށް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެެވެ.

ގއ. ވިލިނގިލީގައި ރޭ ބޭއްވި އުފާވެރި އަމާންރާއްޖެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރުމަށް އެމްޑީޕީން ތައްޔާރުކުރި މެނިފެސްޓޯ ތަންފީޒުކޮށް ނިމުމަށްވުރެ ރަނގަޅު ގޮތެއް ރާއްޖެއަށް ނޯންނާނެ ކަމަށެެވެ.

ރަައީސް ވަނީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަންނަ ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހު އެމަނިކުފާނަށް ވޯޓް ދިނުމަށް އެދިވަޑައިގެންފައެވެ. ރަައީސް ރޭ ވެސް ވިދާޅުވީ ކޮންމެ ފަސްއަހަރަކުން ސަރުކާރު ބަދަލުކުރާނަމަ ތަރައްގީއަށް ހުރަސް އެޅިގެންދާނެ ކަމަށެވެ. އަދި 2023 ވަނަ އަހަރު އާ ސަރުކާރެއް ވެރިކަމަށް އައިސްފިނަމަ މި ސަރުކާރުން ފަށާފައިވާ ތަރައްގީ މަސައްކަތްތަށް އެއްކޮށް ހުއްޓިގެންދާނެ ކަމަށާއި މާޒީގައި އެކަން ތަޖުރިބާ ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.



"ތަރައްގީވެ ކުރިއަރާފައިވާ ގައުމުތަކުގައި ސަރުކާރުތައް ފަސްއަހަރުން ފަސްއަހަރުން ނުވަތަ ހަތަރު އަހަރުން ބަދަލުވިޔަސް އެއީ މާބޮޑު މައްސަލައަކަށް ނުވޭ، ގައުމަށް ބޭނުންވެފައި ހުރި މިފަދަ ބޮޑެތި އަސާސީ ޚިދުމަތްތަކާއި އުމުރާނީ ބޮޑެތި މަސައްކަތްތައް ހުރީ ނިމިފައި. އެތަންތަނުގައި ފެނާ ނަރުދަމާ އަޅާ ނިމިއްޖެ، ދަތުރުފަތުރު ކުރެވޭ ގޮތް ހަދާ ނިމިފައި އޮތީ. ކުރިއަރާފައިވާ ގައުމުތަކުގައި މިއަދު އަޅުގަނޑުމެން ކުރަން ފަށަައިގެން މިއުޅޭ ކަންތައްތަކަކީ މި ދެންނެވި ކަންތައްތައް. ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު އެކަންތައްތައް ހުއްޓުމަކަށް އެބަ އާދޭ، މިއަދު 2023 ގައި ނިކުންނަ ނަތީޖާ އެެއްގެ ސަބަބުން އެކަން ތަކުރާރުވެދާނެ" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބަށް ނިކުތްއިރު އެތައް ސިޔާސީ ލީޑަރުންނަކާއި އެތައް މެންބަރުންނެއް ތިއްބެވީ ޖަލުގައި ކަމަށެވެ. އޭރު އެތައް އުނދަގޫތަކެއް ކުރިމަތިވި ކަމުގައިވިޔަސް، މިއަހަރުގެ ރިޔާސީ އިންތިހާބަށް އަށް ކެންޑިޑޭޓަކު ކުރިމަތިލައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފެހި ގާނޫނު އަސާސީ ހެދިއިރު އެންމެ މުހިއްމު ބާބަކީ އަސާސީ ހައްގުތަކާއި މިނިވަންކަން ކަމަށެވެ. ރައީސް ވިދާޅުވީ މިނިވަންކަން ދޭން ބޭނުން ނުވާ ބަޔަކު ހާއްސަ މަޖިލީހުގެ މެޖޯރިޓީގައި އޭރު ތިބި ކަމަށެވެ. އެހެން ނަމަވެސް އޭރު އިދިކޮޅުގައި ތިއްބެވި މަދު ބައެއް ކުރި މަސައްކަތުން އެ ބާބު އެކުލަވާލި ކަމަށާއި މިއަދު ގާނޫނުން ކަށަވަރުވެފައިވާ ހައްގަކީ އެ ދުވަހު އެ ކުރި ބުރަ މަސައްކަތް ކަމަށް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

ރައީސް ވިދާޅުުވީ ހައްގުތަކާއި މިނިވަންކަން ދެން ނިގުޅައިނުގަނެވޭނެ ކަމަށެވެ. އެ ފުރުސަތު އެމަނިކުފާނު ސަރުކާރުން ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ނޫނީ ދެން ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓެެއްގެ ސިޔާސަތެއް އާންމުކުރާތަން ފެނިވަޑައިނުގަންނަވާ ކަމަށެެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ކެންޑިޑޭޓަކު އެއްވެސް ރަށަކަށް ކޮށްދެއްވާނެ ކަމެއް ހާމަކުރެއްވިތޯ ރައީސް ވަނީ ސުވާލުކުރަށްވާފައެވެ.

"އަދިއެއް ނެތް، ދައްކަނީ މުޅިން އެހެން ވާހަކަތަކެއްް. އެހެންވީމާ އެބޭފުޅުންގެ ސިޔާސަތުތަކާއި އަޅުގަނޑުމެން ކުރިއަށްދާން ނިންމައިގެން މިތިބި ގޮތާއި ދޭތެރޭގައި ބޮޑު ތަފާތެއް އެބަހުރި، އަޅުގަނޑުމެން ނިކުމެ މިތިބީ ރާއްޖެ ތަރައްގީކުރަން މުޅި ރާއްޖެ ތަރައްގީކުރަން، ތިބޭފުޅުންނަށް އުފާވެރި އަމާންރާއްޖެ އެއް ހޯދައިދިނުމަށް،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން