ރިޔާސީ އިންތިޚާބާއި ގުޅިގެން ހިންގާ އިންތިޚާބީ ރިޝްވަތުގެ މައްސަލަ އޭސީސީއަށް ހުށައެޅުމަށް ޚާއްސަ ޕޯޓަލްއެއް ޤާއިމުކޮށްފިއެވެ.

އޭސީސީން ބުނީ މި ޕޯޓަލް މެދުވެރިކޮށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 74 ވަނަ މާއްދާގެ (ހ)ގެ 11 އަދި 12ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންތިޚާބީ ރިޝްވަތުގެ ކުށެއް ކުރާނަމަ ކޮންމެ މީހަކަށްވެސް އެ މައްސަލައެއް، މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެކަމަށެވެ. އަދި މި ޕޯޓަލްއަށް ވަނުމުން އިންތިޚާބީ ރިޝްވަތަކީ ކޮބައިކަމާއި އެއަށް ސަމާލުވާނެގޮތުގެ މައުލޫމާތު ހިމަނައިގެން އޭސީސީން ތައްޔާރުކޮށްފައިވާ ލުއިފޮތްވެސް ބައްލަވައިލެއްވޭނެއެވެ.

މިޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ސިއްރުކޮށްދެވޭގޮތަށް އިންތިޒާމުކުރެވިފައިވީ ނަމަވެސް މައްސަލައިގެ އަޕްޑޭޓް ފޯރުކޮށްދެވޭނީ ކާކުކަން އެނގޭގޮތަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށެވެ. އަދި ވިސިލްބްލޯކުރާ ފަރާތްތަކަށް ކޮމިޝަނުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. މި ޕޯޓަލް މެދުވެރިކޮށް މައްސަލައާގުޅޭގޮތުން ދެވެން އޮތް އެންމެގިނަ މަޢުލޫމާތު ހިމެނުމަށް ޚާއްޞާ ސަމާލުކަމެއް ދޭންވާނެއެވެ.

ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށައަޅާއިރު ސަމާލުކަންދޭންޖެހޭ ކަންކަމުގެ ތެރޭގައި ފޯމުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތުގެ ގޮތުގައި ފާހަގަކޮށްފައިވާ ބައިތައް ހިމަނާފައި ނުވާނަމަ ފޯމު ބަލައެއް ނުގަނެވޭނެއެވެ. އަދި ކޮމިޝަނަށުގެ އިޚްތިޞާޞަށް ނުފެތޭ ބާވަތުގެ މައްސަލަތައް މިޕޯޓަލް މެދުވެރިކޮށް ހުށަހެޅިނަމަވެސް އެފަދަ މައްސަލައެއް އޭސީސީގައި ރަޖިސްޓަރީ ނުކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން