ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރަން ނިންމީ، އެމަނިކުފާނަށްވުރެ ގާބިލް އެހެން ބޭފުޅަކު ނެތުމުންކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ ސައީދު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަމާއި، ރައީސް ނަޝީދާއި ރައީސް ވަހީދުގެ ކެބިނެޓް މަގާމުތައް ފުރުއްވާފައިވާ، ސާކްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ދިޔާނާ ސައީދު ވިދާޅުވީ، ރައީސް ސާލިހަށް ތާއީދުކުރައްވަނީ މައިގަނޑު 3 ސަބަބަކާއި ގުޅިގެންކަމަށެވެ. އޭގެތެރެއިން ފުރަތަމަ ސަބަބަކީ ރައީސް ސާލިހުގެ ރަނިންމޭޓަކަށް އައްޑޫއަށް ނިސްބަތްވާ، ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އައްޔަން ކުރެއްވުންކަމަށެވެ.

ދިޔާނާ ވިދާޅުވީ އަސްލަމަކީ އައްޑޫއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، އައްޑޫއަށް ހެޔޮ އެދޭ ބޭފުޅެއްކަމަށެވެ.

"މަހަމަ ޔަގީނަށް ބެނާން އެނގޭ ވަކި އައްޑު ފަސްގަނޑުން، މި ރާއްޖެގެ ފަސްގަނޑުންވެސް ނިހޯދޭހެ އައްޑޫއަށް އަސްލަމަށްވުރެ ބޮޑުކޮށް ހެޔޮއެދޭ ބޭފުޅަށް،" އައްޑޫ ބަހުރުވައިން ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ ރައީސް ސާލީހަށް ތާއީދުކުރައްވާ ދެވަނަ ސަބަބަކީ އެމަނިކުފާނަށްވުރެ ގާބިލް އެހެން ބޭފުޅަކު ވާދަނުކުރައްވާތީ ކަމަށެވެ. އެގޮތުން ރާއްޖެއަކީ ތަފާތު ފިކުރުގެ އެކި ކަހަލަ މީހުން އުޅޭ ގައުމަކަށްވާއިރު، ރައީސް ސާލިހަކީ އެ ހުރިހާ މީހުންނާއެކު މަސައްކަތްކުރުމުގެ ކެތްތެރިކަމުގެ ނަމޫނާއެއްކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ ކިތަންމެ ބައިވަރު މީހުން ވާދަކުރިޔަސް، މި އިންތިހާބަކީ ޕީޕީއެމާއި އެމްޑީޕީގެ ކުރިމަތިލުމެއް ކަމަށެވެ. އަދި ޕީޕީއެމްގެ ފަލްސަފާއަކީ ކޮބައިކަން އެނގޭކަމަށާއި، އަދި ޕީޕީއެމަކީ އަނިޔާވެރި ވެރިކަމެއްކޮށްފައިވާ ޕާޓީއެއްކަމަށް ދިޔާނާ ވިދާޅުވިއެވެ.

"ދެދިވަހިން އެއްދުވަހި މީހުން ޖަލަށްލާ ގަންނަށިއަ. މީހުންގެ ޕާސްޕޯޓް ހިފަހައްޓަގަންނަށިޔަ. އެކައުންޓްތައް ހިފަހައްޓަ ގަންނަށިޔަ،" ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ ރައީސް ސާލިހަށް ތާއީދުކުރައްވާ 3 ވަނަ ސަބަބަކީ، ކޯވިޑްގެ ތެރޭގައި ރާއްޖޭގެ ކަންކަން މެނޭޖްކުރެއްވި ގޮތުންކަމަށެވެ. އެގޮތުން 3 އަހަރު ލޮކްޑައުންގައި އޮތްއިރުވެސް ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ދިޔާނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖެ ބަނގުރޫޓްނުވެ ކުރިއަށްދިޔައީ ރައީސް ސާލިހުގެ ހިކުމަތްތެރިކަމުގެ ސަބަބުންކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ އެ ސަބަބުތަކާއި ގުޅިގެން ރައީސް ސާލިހު ދެވަނަ ދައުރަކަށް އިންތިހާބުކުރަން ޖެހޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން