މައްސަލަ ބޮޑުވެފައިވާ ޢަރަބިއްޔާ ސްކޫލްގެ މައްސަލަ ހައްލުކޮށް ޢަރަބިއްޔާގެ ޢިމާރާތުގެ މައްސައަށް ޤާސިމް އިބްރާހީމްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެތެރޭގައި ޙައްލު ގެނެސްދެއްވާނެކަމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފިއެވެ.

ޤާސިމްގެ މެނިފެސްޓޯގައިވެސް ވަނީ މިކަން ހާމަކުރައްވާފައެވެ. ޢަރަބިއްޔާ ސްކޫލުގެ މައްސަލައަކީ އެމްޑީޕީ ސަރުކާރާ ގުޅިފައިވާ ބޮޑު މައްސަލައެކެވެ. މަޖިދީމަގު މިހާރު އަރަބިއްޔާ ފްލެޓު ހުރިބިމަކީ އަސްލު ޢަރަބިއްޔާ ސްކޫލްގެ ބިމެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް ނަޝީދުގެ ދައުރުގައި އެތަނުގައި ހުރި ޢަރަބިއްޔާ ސްކޫން ތަޅާލުމަށްފަހު ވަގުތީގޮތުން އެ ސްކޫލް ހިންގީ ކުރީގެ އެމްއީއެސް ހިންގި ޢިމާރާތުގައި މަންދުކޮލެޖު ހިންގިއިރު އެތަނުން ބައެއްގައެވެ. ވަރަށް ދަތި އުނދަގޫ ގޮތަކަށް އޭރު އެސްކޫލް ހިންގަންޖެހުމާއެކު ބެލެނިވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް ދިޔައެވެ. ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީސް ދޮށުގައި އަރަބިއްޔާގެ ބެލެނިވެރިން މިމައްސަލާގައި މުޒާހަރާވެސް ކުރިއެވެ.

އޭގެފަހުން އެވެރިކަމުގައި އަމީނިއްޔާ ސްކޫލް ކުރިމަތީގައި އޮންނަ ހުސްބިމުގައި އަރަބިއްޔާއަށް އިމާރާތެއް އެޅިއެވެ. އެޢިމާރާތް ނިންމައި އަރަބިއްޔާ ސްކޫލް އެތަނަށް ބަދަލުވިޔާ މާގިނަ އަހަރުތަކެއް ނުވަނީސް މިހާރު ހިނގަމުންމިދާ އެމްޑީޕީގެ ވެރިކަމުގެ ތެރޭގައި އެޢިމާރާތް ބޮލައްވެއްޓެންފެށިއެވެ. އެއީ ތިބެން އެކަށީގެން ނުވާތަނެއްކަމަށް ކަނޑައަޅައި އަނެއްކާވެސް ޢަރަބިއްޔާގެ ދަރިވަރުން ޙާލުގައި ޖެހުނެވެ. ވަގުތީގޮތުން އެކުދިން ކުރީގެ ފޮރިން މިނިސްޓްރީ ވަގުތީގޮތުން ހިންގި އެމްޓީސީސީ ސޯމިލް ބިމުގައި ހުރި އިމާރަތުގައި ދުވަސްކޮޅަކު ހިންގިއެވެ. މިއަހަރުގެ ދިރާސީ އަހަރު ފެށިއިރު އަރަބިއްޔާ ހިންގަނީ ދަރުމަވަންތަ ސްކޫލުގެ ކުރީގެ ވަގުތި އިމާރާތުގައެވެ.

އަރަބިއްޔާއަށް ބިމެއްދެއްވައި އެތަނުގައި އެސްކޫލުގެ ޢިމާރާތް އަޅުއްވާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އެމަސައްކަތް ކުރިއަކަށް ނުދެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރަހީމްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު މިމައްސަލަ ޙައްލުކުރައްވާނެކަމަށް ވަނީ ވިދާޅުވެ ވަޢުދުވެވަޑައިގެންފައެވެ. މިފަހަރުގެ ރިޔާސީ ކެންޑިޑެޓުންގެތެރެއިން އަރަބިއްޔާގެ މައްސަލައިގައި ވަޢުދެއް ވެވަޑައިގަތް ފުރަތަމަ ބޭފުޅަކީ ޤާސިމެވެ.

ޤާސިމްގެ ރިޔާސި މެނިފެސްޓޯގައި ހިމެނޭ "ފެންވަރު ރަނގަޅު ތަޢުލީމު" ސިޔާސަތުގެ ދަށުން ތަޢުލީމީ ދާއިރާއަށް މުހިންމު ގިނަ ވަޢުދުތަކެއް ވަނީ ވެފައެވެ. އެގޮތުން އެއްވެސް ދަރިވަރަކު ބާކީ ނުކޮށް ގްރޭޑް 10 ނިންމާ ދަރިވަރުން ޢުމުރުން 18 އަހަރު ވަންދެން ވޮކޭޝަނަލް ތަމްރީނު ނުވަތަ ފައުންޑޭޝަން ސްޓަޑީސް ނުވަތަ އޭ ލެވެލް، ނުވަތަ އިންޓާންޝިޕެއްގައި ބައިވެރިކުރުވުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން