ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ ބ. ތުޅާދޫ ބޯދި އިސްމާޢީލް އަބޫބަކުރު (55 އަހަރު) މިއަދު ނިޔާވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މިއަދު ބުނީ އިސްމާޢީލް އަބޫބަކުރުގެ މެޔަށް ތަދެއްއަރައިގެން، މިއަދު މެންދުރުފަހު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފެށި ކަމަށެވެ.

އަދި އިސްމާޢީލް އަބޫބަކުރުގެ ޙާލަތު އިތުރަށް ގޯސްވެ، އެމެޖެންސީއަށް ބަދަލުކޮށް، ފަރުވާ ދެމުން ދަނިކޮށް ގާތްގަނޑަކަށް 3:25 ގައި އޭނާގެ ހިތްހުއްޓިގެން ނިޔާވިކަމަށް ޑޮކްޓަރުން މަޢުލޫމާތު ދީފައިވާ ކަމަށް ކަރެކްޝަންގެ ބަޔާނުގައިވެއެވެ.

“އިސްމާޢީލް އަބޫބަކުރަކީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށުގައި 10 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުންދިޔަ ޤައިދީއެކެވެ. އަދި މީނާއަކީ އެއްވެސް ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުން އައި މީހެއް ނޫނެވެ.” ކަރެކްޝަނުން ބުނެފައިވެއެވެ.

އިސްމާޢީލް އަބޫބަކުރު ނިޔާވުމާ ގުޅިގެން އެކަން ވަނީ ވަގުތުން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައި ކަމަށް ކަރެކްޝަނަލް ސަރވިސްއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން