ރާއްޖެއަށް މިނިވަންކަމާއި އިޤްތިޞާދީގޮތުން ކުރިމަތިވެފައިވާ ބޮޑެތި ނުރައްކާތަކުން ސަލާމަތް ކުރެވޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމަށްކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޑރ. ވަހީދު މިހެން ވިދާޅުވީ އެމަނިކުފާނު ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށް މިރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އޮނަރަބަލް ގާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ.ވަހީދު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައީ ވަކި ބޭފުޅެއްކަމަށް ނުވަތަ ވަަކި ޕާޓީއެއްކަމަށް ބުނުމަކީ ހަޤީޤަތާއި ހިލާފު ވާހަކައެއްކަަމަށެވެ.

ޑރ. ވަހީދު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ ގާސިމް އިބްރާހިމްކަމަށެވެ. އަދި ސިޔާސީ ޕާޓީއެއް އުފެއްދުމަށްވެސް އެންމެ ބޮޑެތި މަސައްކަތްތަކެއް ކުރެއްވީވެސް ގާސިމްކަމަށް ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރި މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއްކަމަށާއި، ނަމަވެސް އެކަން ކާމިޔާބުވީ ގާސިމްގެ ބުރަ މަސައްކަތްތަކަކާއެކުކަމަށެވެ. އަދި ރާއްޖެ މިހާރު މިއޮތީ އެފަދަ އިސްލާހީ ބަދަލުތަކެއް ގެންނަންޖެހޭފަދަ ހާލަތެއްގައިކަމަށްވެސް ވަހީދު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ދަރަނި ނުރައްކާތެރި މިންވަރަކަށް ބޮޑުވެފައިވާކަން ވަހީދު ފާހަގަކުރެއްވިއެވެ.

"ދަރަނި ބޮޑުވުމުގެ ސަބަބުން އަވަށްޓެރި ލަންކާއަށް ވީގޮތް ރާއްޖެއަށްވުން ގާތް. ކަންކަން އިސްލާހު ކުރެވޭނެ ބަޔަކު ހަވާލުވެގެން ނޫނީ ރާއްޖެ ސަލާމަތްކުރެވޭކަށް ނެތް" ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު ވިދާޅުވީ އިޤްތިޞާދީގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށާއި، ތަޖުރިބާއަށް ބަލާއިރު އެކަން ކުރުމުގެ ގާބިލްކަންހުރި ހަމައެކަނި ރިޔާސީ ކެނޑިޑޭޓަކީ ގާސިމް އިބްރާހިމްކަމަށެވެ.

"ގާސިމް ނޫނީ މިކަންކަން ހައްލު ކުރެވޭނެ އެއްވެސް ބޭފުޅެއް ނެތް" ޑރ. ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސި އިންތިހާބުގައި ގާސިމް ވާދަކުރައްވާތީ ވަރަށް އުފާކުރައްވާކަމަށާއި، ރާއްޖޭގެ ވެރިކަމަށް ގާސިމް ވަޑައިގަތުން މިހާރުވެސް ލަސްވެއްޖެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން