ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމަކީ މިގައުމަށް އެންމެ ބޮޑު ޚިދުމަތެއް ކޮށްފައި ލީޑަރުކަމަށް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ފެށުމަށް މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މި ރާއްޖެ ބަދަލުކުރަންޏާ އަދި މިރާއްޖެ ހިމާޔަތްކުރަންޏާ އަޒުމެއް ކަނޑައަޅަންޖެހޭކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީން މި ފަހަރު ރިޔާސީ އިންތިހާބަށް ހުށައަޅަނީ ދިވެހިރާއްޖޭގައި މިވަގުތު ތިބި ވެރިންގެ ތެރެއިން މިގައުމަށް އެންމެ ބޮޑު ޚިދުމަތެއް ކޮށްފައި ހުރި ވެރި މީހާގެ ނަންކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އެއީ ދިވެހި ދައުލަތުގެ އެންމެ މަތީ އެއް ޝަރަފު ލިބިފައިވާ ލީޑަރުކަމަށްވެސް އަލި ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ 200 އެތައް މިލިއަން ޑޮލަރެއް މިގައުމު މިދެކޭ އިސްލާހި މަސައްކަތަށް އަމިއްލަ ޖީބުން ހޭދަކޮށްފައި ހުރި ލީޑަރެއްކަމަށެވެ.

"އަޅުގަނޑުމެން މި ދައްކަނީ ތި ވިދާޅުވާ ޕީޕީއެމް ވެރިކަމަށް ގެންނަން ނުކުމެ ގައުމީ ބަތަލުގެ ލަގަބު ޕީޕީއެމްއިން ދިން ވެރިއެއްގެ ވާހަކަ. އަޅުގަނޑުމެން މިދަނީ ވަތަން އެދޭގޮތަށް އެމްޑީޕީ ވެރިކަމަށް އެންމެ ފުރަތަމަ ގެންނަން ސޮއިއެޅި މ.މާފަންނު ވިލާ ޤާސިމް އިބްރާހީމްގެ ވާހަކަ. އެހެންވީމަ އަޅުގަނޑުމެން ކީއްކުރަންތޯ އެލް ބޯޑު ޖެހި ވެރިން ވެރިކަމަށް ނަގަންވީ" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގައުމަށް ގައްދާރުވާ މީހުންނަށް ދޭ އަދަބު ލިޔެ އެކަން ތަންފީޒުކުރާނެކަމަށެވެ. އަދި ގައުމަށް ގައްދާރުވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުލިބޭނެކަމަށްވެސް.އަލީ ވަހީދު ވިދާޅުވިއެވެ.

"އެއީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް، ޕާޓީގެ މީހެއް ކަމުގައި ވިޔަސް ގައުމަށް ގައްދާރެއް ނުވެވޭނެ. ޕެނަލްޓީ އޭރިއަށް ވަނީމަ ކަނޑާލަންޖެހޭނީ އެހެންވީމަ. ނުވަދެވޭނެ. ބޮޑު ގައުމެއް ކުޑަގައުމެއް ނޯންނާނެ" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން އދ އިންނާއި އިޓްލޮސްއިން ކަނޑައަޅާފައިވާކަމަށެވެ. އެހެންކަމުން އެއަށް ވެރިވާން އަންނަ މީހުން ފަހަތަށް ޖައްސާނެކަމަށާއި އެއީ މި ރާއްޖޭގެ ތާރީހު ދެކިފައި އޮތް ގޮތްކަމަށްވެސް އަލީ ވަހީދު ވިދާޅުވިޢެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން