އަންނަ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނަކަށް ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުންގެތެރެއިން އަލުން ރަޖިސްޓްރީ ކުރި ވޯޓުފޮށްޓަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަނުވެގެން ރަޖިސްޓްރީ ބާތިލުވާ މީހުން އަލުން ރަޖިސްޓްރީވުމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުޅުވާލައިފިއެވެ.

ރިސޯޓުތަކާއި ރާއްޖެއިން ބޭރުގައި ދިވެހިން ދިރިއުޅޭ ޤައުމުތަކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށްފަދަ ތަންތަނުގައި ވޯޓުލުމަށް ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ އެތަނަކަށް ވޯޓުލާން ވަކި ޢަދަދަކަށް މީހުން ރަޖިސްޓްރީ ކޮށްފިނަމައެވެ. އެގޮތުން ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 30 (ތިރީސް) މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ. އަދި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ 150 އަށްވުރެ ގިނަ މީހުން ވޯޓުލުމަށް އެޤައުމެއްގައި ރަޖިސްޓްރީކުރާ ޤައުމުތަކުގައި އެކަނިކަމަށް އިލެކްޝަން ކޮމިޝަނުން ކުރިންވަނީ ކަނޑައަޅާފައެވެ.

އެހެންކަމުން އަލުން ރަޖިސްޓްރީވާން ހުޅުވާލުމުން އެޢަދަދަށް މީހުން ރަޖިސްޓްރީ ނުވާ ތަންތަނުގައި ރަޖިސްޓްރީވެފައިވާ މަދުމީހުން އަލުން، ވޯޓުލާ އެހެންތަނެއްގައި ރަޖިސްޓްރީވުމަށް މިހާރުވަނީ ހުޅުވާލާފައެވެ. މިހާރު ވޯޓުފޮށި ބެހެއްޓުމަށް އިއުލާނު ކުރެވި، ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިމީހުންނަށް ވަނީ މިއަދު ހެނދުނު 08:30އިން ފެށިގެން މާދަމާ މެންދުރު ފަހު 04:00ގެ ނިޔަލަށް ހުޅުވާލާފައެވެ.

ރާއްޖޭގައި ބަހައްޓާފައި ހުރި 19 ފޮއްޓަކާއި ރާއްޖެއިން ބޭރުގައި ބަހައްޓާފައި ހުރި 4 ފޮއްޓަކަށް ރަޖިސްޓްރީވި މީހުންނަށް އަލުން ރީރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން