ސިވިލް ކޯޓުގެ ޤާޟީ ފައްޔާޟް ޝާތިރުގެ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، ސިވިލް ކޯޓުގައި ފައްޔާޟް ބައްލަވަމުން ގެންދެވި މައްސަލައެއްގެ އަޑުއެހުންތައް ނިންމަވާލެއްވުމަށްފަހު، މައްސަލައިގެ ޙުކުމް ނުކުރައްވައި، 01 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް މަޑުޖައްސާލައްވާފައިވާ މައްސަލައެއް އެ ކޮމިޝަނުން ބަލާފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލަ ބެލުމަށް 2023 ޖަނަވަރީ 8 ވީ އާދިއްތަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 2 ވަނަ ޖަލްސާގައި ނިންމައި، އެ ޝަކުވާ ތަޚްޤީޤު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން މަޢުލޫމާތު ދީފައިވެއެވެ.

“ފައްޔާޟު ޝާޠިރުގެ މައްސަލަ ބެލިބެލުމުން، ފަނޑިޔާރުންގެ ސުލޫކާ ޚިލާފުވެފައިވާކަން ސާބިތު ނުވާކަމަށް 2023 އޮގަސްޓް 09 ވީ ބުދަ ދުވަހު ބޭއްވި މި ކޮމިޝަނުގެ 52 ވަނަ ޖަލްސާގައި ވަނީ ނިންމާފައެވެ.” ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

މި ފަހަކަށްއައިސް ފަނޑިޔާރުންގެ ސުލޫކާ ގުޅޭ މައްސަލަތައް ބައްލަވައި ފިޔަވަޅު އެޅުއްވުމަކީ ޖޭއެސްސީން ޢާއްމުކޮށް ކުރަށްވަމުން ގެންދަވާ މަސައްކަތެކެވެ. އެގޮތުން މައްސަލަ ބެއްލެވުމަށްފަހު ބައެއް ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށްވެސް ހުށައަޅުއްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން