އެމްޑީޕީގެ ވާދަވެރިންގެ ގޮތުގައި ތިބި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ހުންނެވީ ކަނޑިބަޑި ހިފައިގެން ކަމަށާއި، އަނެއް ބޭފުޅަކު ގެންގުޅުއްވަނީ އިރުއިރުކޮޅާ ބަދަލުވާ ސިޔާސަތެއްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "އުފާވެރި އަމާން ރާއްޖެ" މެނިފެސްޓޯގެ "އާ ޒުވާނުންގެ ޖީލް" ސިޔާސަތު ލޯންޗުކުރުމަށް މިރޭ ނ. ވެލިދޫ ބޭއްވި ޖަލްސާގައެވެ.

މި ޖަލްސާގައި ރައީސް ސާލިހު ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީގެ ވާދަވެރިންނަށް ފާޑު ވިދާޅުވެ، ބަހުގެ ގިނަ ހަމަލާތަކެއް ދެއްވާފައި ވެއެވެ. ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނުގެ ވާދަވެރިންގެ ފަރާތުން ރައްޔިތުންނަށް ހަރުދަނާ ސިޔާސަތެއް ހުށަހެޅިފައި ނެތް ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވާދަވެރިންގެ ތެރެއިން އެއް ބޭފުޅަކު ހުންނެވީ ކަނޑިބަޑި ހިފައިންގެ ކަމަށާއި، އަނެއް ބޭފުޅަކު ގެންގުޅުއްވަނީ އިރުއިރުކޮޅާއި ބަދަލުވާ ސިޔާސަތުތަކެއްކަމަށެވެ.

"އެއް ބޭފުޅަކު އެ ހުންނެވީ އައްޑަނަ އާއި ހަތިޔާރު ކަނޑި ބަޑި ހިއްޕަވައިގެން. އަނެއް ބޭފުޅަކީ ހެނދުނު ތެދުވާ ގޮތަށް ސިޔާސަތެއް ހާމަކުރުމަށްފަހު މެންދުރު އަނެއް ގޮތަށް ސިޔާސަތު ބަދަލުވާ ބޭފުޅެއް. ރޭގަނޑު އެހެން ވާހަކައެއް ދައްކަވާނީ" ރައީސް ސާލިހު ވިދާޅުވިއެވެ.

އެމްޑީޕީގެ ޒުވާނުންގެ މެނިފެސްޓޯއަށް އަލި އަލުއްވާލަައްވަމުން ރައީސް ސާލިހު ވިދާޅުވީ ވެރިކަމުގައި ހާސިލުކުރެވުނު ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް ފަޚުރުވެރިވެވަޑައިގަންނަވަނީ ޒުވާނުންނަށް ތައުލީމް ހޯދައިދިނުމަށްޓަކައި ކުރެވުނު މަސައްކަތާއި މެދު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން