"ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ދާއިމީ ލިސްޓް ސަރުކާރުން މިރޭ އިޢުލާނު ކޮށްފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި މިހާރު ޝާއިޢު ކޮށްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން ވަނީ "ބިންވެރިޔާ ސްކީމް" ގެ ދާއިމީ ލިސްޓާ ބެހޭ ބައެެއް މައުލޫމާތު ހިއްސާކުރަށްވާފައެވެ. ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނު ވިދާޅުވީ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި މި ޙަފްތާގެ އަންގާރަ ދުވަހު ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ގުރުއަތު ނެގުމަށްފަހު ހުޅުމާލެއިންނާއި ގުޅީފަޅުން ދިނުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ އިންވަކިކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.



ސަރުކާރުން ބުނީ "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން މިރޭ އިޢުލާނު ކުރި ލިސްޓްގައި ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިބި ކަމަށެވެ. އެހެން ނަމަވެސް އޭގެތެރެއިން މިހާރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށް ކަމަށް ހައުސިންގ މިނިސްޓްރީން ބުންޏެވެެ.

ސްޓޭޓް މިނިސްޓަރު އަކްރަމް މިރޭ ވިދާޅުވީ، ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ހިނގަމުން މިދާ މިދައުރު ނިމުމުގެ ކުރިން ގޯއްޗަށް އެދިފައިވާ ހުރިހާ ފަރާތްތަކަށް ގޯތިދީ ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށެވެ. އެގޮތުން ދާއިމީ ލިސްޓްގައިވާ 18،948 ފަރާތަކަށް ގޯތި ލިބޭ ކަމަށް އަކްރަމް ވިދާޅުވިއެވެ.

މިރޭ ސަރުކާރުން އިޢުލާނުކުރި ދާއިމީ ލިސްޓު ޝާއިޢުކޮށްފައިވަނީ ޝަކުވާ ހުށައެޅުމަށް ވަކި މުއްދަތެއް ކަނޑައެޅުމަށް ފަހުކަން ފާހަަގަކޮށްލެވެއެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެ ވަޑައިގެންނެވި ގޮތަށް މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން