ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ދެވަނަ ދައުރުގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީ ދެބައިކުރައްވައި ދެ ވުޒާރާއަކަށް ހައްދަވާނެކަމަށް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ އަންނަ ރިޔާސީ ދައުރުގެ މެނިފެސްޓޯ، "އުފާވެރި އަމާން ރާއްޖެ"ގެ ދެވަނަ ބައިގައެވެ. ދެވަނަ ބައި ޚާއްސަކޮށްފައިވަނީ ޒުވާނުންނަށެވެ. "އާޒުވާން ޖީލު"ގެ ނަމުގައި ނެރެފައިވާ މިބައިގައި އަންނަ ދައުރުގައި ކުރަން ރާއްވަވާފައިވާ ގިނަ ކަންތައްތަކެއް ހިމަނުއްވާފައިވެއެވެ.

އޭގެތެރޭގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީ ދެ ވުޒާރާއަކަށް ހެއްދެވުމާއި ޔޫތް-ކޯ އެއް ޤާއިމުކުރައްވައި ޔޫތް ލީޑަރުން އުފެއްދެވުން ހިމެނެއެވެ. މީގެއިތުރުން މަދަނީ ޖަމްޢިއްޔާތަކުގެ އިދާރީ ހިންގުމަށް ޚާއްސަ ކޯ-ވީކިންގ ސްޕޭސް ޤާއިމުކޮށް ޒުވާނުންގެ ހައްޤުގައި މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކަށް ފުރުސަތު ދެއްވާނެކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

މިސަރުކާރުގެ މިހާރު ހިނގަމުން މިދާ ދައުރުގައިވެސް ޒުވާނުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވެއެވެ. އެގޮތުން ސަރުކާރުން ހާސިލުކޮށްފައިވާ ބައެއް ކަންކަންކަމަށް ބަލާއިރު، ޒުވާނުންގެ ޖީލެއް ބިނާކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ތަންފީޒުކޮށްފައިވާ އެއް ސިޔާސަތެވެ.

ސަރުކާރުން ހިންގާ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން 18،000 އަށްވުރެ ގިނަ ދަރިވަރުންނަށްވަނީ މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ހޯދައިދީފައެވެ. ދަރިވަރުންނަށް ތަކުލީފު ކުޑަކުރުމަށްޓަކައި، މަތީ ތައުލީމާއި ތަމްރީނަށް ދޫކުރާ ލޯނު އެޑްމިނިސްޓްރޭޓިވް ޗާޖުވާނީ 5 އިންސައްތައިން 1 އިންސައްތައަށް ކުޑަކޮށްފައެވެ. ވޭތުވެދިޔަ 5 އަހަރުތެރޭގައި 3000 އަށްވުރެ ގިނަ ދަރިވަރުންނަށް މި ލޯނު ސްކީމުން ކިޔެވުމަށްވަނީ ފުރުސަތުދީފައެވެ. ރާއްޖެއިން ބޭރުގެ 20 ގައުމެއްގައި 1200 އަށްވުރެ ގިނަ ދަރިވަރުން އެކި ސްކޮލަރޝިޕްތަކުން ކިޔެވުމަށްވަނީ ފުރުސަތުދީފައެވެ.

ޒުވާނުންގެ ބޭނުންތައް ތައުލީމާއި ތަމްރީނާ ހަމައިން ނިންމާނުލެވޭނެކަން ދަނެ، ވަޒީފާއަށް އަހުލުވެރިކުރުވުމަށްވެސް ގިނަ ފުރުސަތުތަކެއް ސަރުކާރުންވާނީ ހޯދައިދީފައެވެ. މިގޮތުން، ސްކިލްސް ފޮރ އަ ރެޒިލިއަންޓް ވޯރކްފޯސްއިން 2915 ފުރުސަތު، ނެޝެނަލް އެޕްރެންޓިސްޝިޕުން 500 އަށްވުރެ ގިނަ ފުރުސަތު، މޯލްޑިވްސް ޕޮލިޓެކްނިކުން 1200 އަށްވުރެ ގިނަ ފުރުސަތު އަދި ކޮވިޑް19 އިމަރޖަންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން 800 އަށްވުރެ ގިނަ ފުރުސަތު ޒުވާނުން ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށްވަނީ ހޯދައިދީފައެވެ.

އިގްތިސާދީ ތަރައްގީއާއެކު، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދިއުމަކީ ޒުވާނުންގެ ފުދުންތެރިކަން އިތުރުވުމަށް ލިބިގެންދާ ބާރެކެވެ. މިގޮތުން މިއަހަރުގެ ޖޫން މަހާއި ހަމައަށް އައިއިރު ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ތަފާސްހިސާބަށް ބެލިކަމުގައިވިޔަސް 20،000 އަށްވުރެ ގިނަ ވަޒީފާވަނީ އުފެދިފައެވެ. ހުނަރާއި ފަންނުވެރިކަމުން މުއްސަނދިވެފައިވާ ހަމަކޮންމެ ޒުވާނަކަށްވެސް އާމްދަނީ ހޯދުމުގެ ގިނަ މަގުތައްވާނީ ފަހިކޮށްދީފައެވެ. މިގޮތުން، 1600 އަށްވުރެ ގިނަ ފަރާތަށް އެސްއެމްއީ ލޯނު ފުރުސަތު ހޯދައިދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 13 ބިޒްނަސް ސެންޓަރު ގާއިމުކުރުމާއި، އޮތެންޓިކް މޯލްޑިވްސްގެ ވިޔަފާރި ފުޅާކުރުމާއި، އެސްއެމްއީ ހަބް މެދުވެރިކޮށް ވިޔަފާރިން ނަފާ ހޯދޭނެ މަގުވާނީ ޒުވާނުންނަށް ތަނަވަސްކޮށްދީފައެވެ. ހަމަމިއާއެކު، ފަންނުވެރިންނަށް އެމީހުންގެ ފަންނުވެރިކަމާއި ހުނަރު ހުށަހަޅައިދިނުމުގެ އެންމެ މުހިއްމު ދެ ވަސީލަތްކަމުގައިވާ އޮލިމްޕަހާއި ނޭޝަނަލް އާޓް ގެލެރީވާނީ މި ދައުރުގައި އަޕްގްރޭޑްކޮށްފައެވެ. ޒުވާނުންގެ އާބާދީގެ ތެރެއިން ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑު، ފުޓްސެލް ދަނޑު، ވޮލީ ކޯޓު، އައުޓްޑޯ ޖިމް، ބެޑްމިންޓަން ކޯޓު، ޓޭބަލް ޓެނިސް އަދި މިނޫންވެސް ކުޅިވަރު ވަސީލަތްތައްވާނީ ގާއިމުކޮށްފައެވެ.

އުމްރާނީ، އިގްތިސާދީ އަދި އިޖްތިމާއީ ކޮންމެ ތަރައްގީއެއްގެވެސް އެންމެ ބޮޑު ފައިދާ ލިބޭ ފަރާތަކީ ގައުމުގެ ޒުވާނުންނެވެ. ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީކުރުމަށްކުރާ މަސައްކަތާއި، އާރް.ޓީ.އެލް އިން މުޅި ރާއްޖެ ގުޅާލުމާއި، ޓަރޝަރީ ހޮސްޕިޓަލް ފެންވަރުގެ ހިދުމަތް ގާއިމުކުރުމާއި، މެންޓަލް ހެލްތް ފަރުވާ ހޯދައިދިނުމާއި، ލަފާފުރުމުގެ ދަތިކަން ނައްތާލުމާއި، ކަރަންޓު ޔަގީންކޮށްދިނުމާއި، ފެނާ ނަރުދަމާ ގާއިމުކޮށްދިނުމާއި އަދި ބޯހިޔާވަހިކަން ކަށަވަރުކުރުން ފަދަ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ ބޮޑެތި މަޝްރޫއުތަކުން އެންމެ ބޮޑު ފައިދާއެއް ކުރާނެ އެއް ބަޔަކީ ޒުވާނުންކަމަށް ރައީސް ޞާލިޙް ދެކެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން