ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމްގެ، ބޯހިޔާވަހިކަމުގެ ސިޔާސަތަކީ ރާއްޖެއަށް ކުރިމަތިވެފައި އޮތް ވަރަށްބޮޑު މައްސަލައަކަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ ވަރުގަދަ ޙައްލެއްކަމަށް އައްޝެއިހް މޫސާ ނިޒާރު ވިދާޅުވެއްޖެއެވެ.

އެޕާޓީގެ ބޯހިޔާވަހިކަމާ ގުޅޭ ސިޔާސަތު، "ކަށަވަރު ބޯހިޔާވެހިކަން"އާ ގުޅޭގޮތުން ރޭ ޖުމްހޫރީ ޕާޓީން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން އައްޝައިޚް މޫސާ ނިޒާރު ވަނީ މިދާއިރާގެ ރާއްޖޭގެ ޙާލަތާއި ޤާސިމްގެ މިސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިހާރުން މިހާރަށް މާލެއަށް، މާލެ ސަރަހަށްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެކަނިވެސް 25،000 ގެދޮރު ބޭނުންކަން މިދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާކަން ޝައިޚް މޫސާ ނިޒާރު ފާހަގަކުރެއްވިއެވެ. އަދި މިއަދަދު މުޅި ރާއްޖެއަށް ނިސްބަތްކުރާއިރު ގާތްގަނޑަކަށް 45،000 ގެދޮރު ބޭނުންވާކަމަށާ، މިއީ އަދި އަސާސީ ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މީހުންގެ އަދަދު އެކަނިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންވީމާ މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާ، މީގެ ހަރަދަށް ބަލާއިރު ދައުލަތުގެ ބަޖެޓަށް އަހަރަކު 2.5 ބިލިއަން ރުފިޔާ މި މައްސަލަ ހައްލުކުރުމަށްޓައި އަންނަކަމަށް މޫސާ ނިޒާރު ވިދާޅުވިއެވެ. ގާސިމް އިބްރާހީމް ރާއްޖޭގެ ރިޔާސަތާއި ހަވާލުވާ ދުވަހުން ފެށިގެންވެސް މިމައްސަލަ ހައްލުކުރުމަށްޓަކައި އެމަސައްކަތް ފެށިކަމުގައި ވިޔަސްވެސް ކުރިޔަށް އޮތް 25 އަހަރުވެސް މިމައްސަލަ ނިމުމަކަށް ނާންނާނެކަމަށް ބައެއް ބޭފުޅުން ވިދާޅުވާކަމަށާ، އެބޭފުޅުން ފާހަގަކުރައްވާގޮތުގައި 5 އަހަރުދުވަހުގެރޭހައި ޙައްލުކުރެވޭނީ މިމައްސަލައިގެ ކުޑަކުޑަ މިންވަރެއްކަމުގައި މޫސާ ނިޒާރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިމައްސަލައިގެ ބޮޑުކަން ދޭހަވާކަން ފާހަގަކުރައްވަމުން މޫސާ ނިޒާރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުގެ "ކަށަވަރު ބޯހިޔާވަހިކަން" ސިޔާސަތުގައި މިހުރީ މި މައްސަލައަށް ވަރަށް ވަރުގަދަ ހައްލެއް ގެނައުމުގެ އޮޕްޝަންތަކެއް ކަނޑައެޅިފައިކަމަށާ، ކަށަވަރު ބޯހިޔާވަހިކަން ސިޔާސަތުގައި ހުށައަޅާފައި އޮންނާނީ ހަތަރު ފަސް ވައްތަރެއްގެ ބޯހިޔާވަހިކަންކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މިއީ ވަރަށް ބޮޑު މައްސަލައަކަށް ވާތީވެ މީގެތެރޭގައި ތަފާތު ވައްތަރުގެ ތަފާތު ކެޓަގަރީތަކުގެ ބޯހިޔާވަހިކަން ހުންނާނެކަމަށެވެ. އަސާސީ ބޯހިޔާވަހިކަން، އެއީ ކޮންމެ މީހަކަށްވެސް، ކޮންމެ އާއިލާއަކަށްވެސް، އެބޭފުޅެއްގެ ދިރިއުޅުން ފަށައިގަތުމާއެކުގައި ކައިވެނިކޮށްގެން ދަރިން ލިބެން ފެށުމާ ހިސާބަށް ލިބެންޖެހޭ އެއްޗެއްކަން ފާހަގަކުރެއްވިއެވެ.

އިޖުތިމާއި އަސާސީ ބޯހިޔާވަހިކަން ހައްލުކުރުމަށްޓަކައި 30،000 ހައުސިން ފްލެޓްގެ ތެރޭގައި އޮތީ ކަނޑައަޅާފައިކަމަށާ، އިޖްތިމާއީ އަސާސީ ބޯހިޔާވަހިކަން ހުރިހާ އެންމެންނަށް ފޯރުކޮށްދިނުމަކީ ޤާސިމްގެ ވަޢުދެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދެވަނައަށް އޮތީ ރަށްރަށުުގައި ނުހެދިފައި ހުރި ގޯތިތައް ވަގުތުން ވަގުތަށް ހަދައި އެކަން ހައްލުކޮށްދެއްވުމަށްޓަކައި ދައުލަތުން އުފައްދާ ހައުސިން ސްކީމްތަކުގެ ދަށުން ލުއި ލޯނު ފަސޭހައިން ދައުލަތުން ފޯރުކޮށްދިނުންކަމަށާ، ދެން ގޭގައި ބޯހިޔާވަހިކަމަަށް އިތުރު ތަންކޮޅެއް ހަދަން ފައިސާނެތް ފަރާތްތަކަށްވެސް އެކަމުގެ ހައްލުވެސް މީގެތެރޭގައި އޮންނާނެކަން މޫސާ ނިޒާރު ފާހަގަކުރެއްވިއެވެ.

ޤާސިމްގެ ސަރުކާރުގެ ހައުސިން ސިޔާސަތަށް ބަލާއިރު އަގު ކޮންޓްރޯލްކޮށްފައިވާ 6000 ހައުސިން ޔުނިޓު "އުޖާލާ ގެދޮރު"ގެ ގޮތުގައި ވިއްކަން ވަނީ ނިންމާފައެވެ. އަދި ވިޔަފާރި އުސޫލުން 6000 ހައުސިން ޔުނިޓު "ނަލަ ގެދޮރު"ގެ ނަމުގައި ވިއްކްނަ ވަނީ ނިންމާފައެވެ.

ސިފައިންނާއި ފުލުހުންގެ މިހާރު ނުނިމިގެން އުޅޭ ފްލެޓުތައް ނިންމައި ފުރަތަމަ އަހަރުގެތެރޭގައި ޙަވާލުކުރާނެކަމަށާ، އިތުރު 1000 ފްލެޓު ސިފައިންނާއި ފުލުހުންނަށް އަލަށް ޢިމާރާތްކޮށް 3 އަހަރުގެތެރޭގައި ޙަވާލުކުރާނެކަމަށްވެސް ޤާސިމް ވައުދުވެ ވަޑައިގެންފައިވެއެވެ.

އަދި އަލަތު ކައިވެންޏަށްފަހު ދިރިއުޅެންފަށާ ޒުވާނުންނަށާއި ކުރިން ބޯހިޔަވަހިކަމެއް ލިބިފައި ނުވާ ފަރާތްތަކަށް އަމާޒުކޮށްގެން 18000 ހައުސިން ޔުނިޓު "ފުރަތަމަ ގެދޮރު"ގެ ނަމުގައި ހަދައި ނިންމައި ޙަވާލުކުރާނެކަމަށް ޤާސިމް އެމަނިކުފާނުގެ މެނިފެސްޓޯގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މިހާރު ޢާންމުންނަށް ދީފައިވާ ހައުސިން ޔުނިޓުތަކުގެތެރެއިން ހިޔާ ފްލެޓުތަކާއި ފުލުހުންނާއި ސިފައިންގެ ފްލެޓުފަދަ އެންމެހައި ސޯޝަލް ހައުސިންގެ ކުލި މަޢާފްކޮށްދެއްވާނެކަމަށް ޤާސިމްވަނީ ވައުދުވެ ވަޑައިގެންފައިވެއެވެ.

އަދި ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ގެދޮރު ހައްޤުވާ ފަރާތްތަކަށް އެމީހަކަށް ޕޮއިންޓު ލިބުމުން އޭގެ ތަފްސީލާއި ގެދޮރު ލިބޭ ތަނާއި ތާރީޚުވެސް ފެންނާނެކަމަށާ، އަލަތު ކައިވެންޏަށްފަހު ދިރިއުޅެންފަށާ ޒުވާނުންނަށާއި ކުރިން ބޯހިޔަވަހިކަމެއް ލިބިފައި ނުވާ ފަރާތްތަކަށް އަމާޒުކޮށްގެން ހަދާ 18000 ހައުސިން ޔުނިޓު ނުވަތަ "ފުރަތަމަ ގެދޮރު"ގެ ފައިންނޭސިންއަށް ހަމައެކަނި 10 އިންސައްތަ އިކިއުޓީއާއި 5 އިންސައްތަ އިންޓްރެސްޓުގައި ސަރުކާރުން ލޯނުދޭނެކަމަށްވެސް ޤާސިމް ވިދާޅުވެފައިވެއެވެ. އަދި އަމިއްލަ ބިމުގައި ނުވަތަ ބަންޑާރަ ބިމުގައި އަމިއްލައަށް ގެދޮރު އަޅަން ބޭނުންވާ މީހުންނަށް 10 އިންސައްތަ އިކުއިޓީއާއި 5 އިންސައްތަ އިންޓްރެސްޓުގައި ސަރުކާރުން ލޯނު ދޭނެކަމަށްވެސް ވައުދުވެ ވަޑައިގެންފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން