ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖޫރިމަނާ ދެއްކުން ފަސްކުރި އަމުރު އިސްތިއުނާފް ނުކުރަން ނިންމައިފިއެވެ.

ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ރިޝްވަރު ހިފުމާއި މަނީ ލޯންޑްރިނގްގެ ކުށް ސާބިތުވެ, މއ. ކާމިނީހުޅަނގުގެ، ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް 11 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ޚުކުމް ކޮށްފައިވަނިކޮށް އެ ޙުކުމް ތަންފީޛްކުރުން ފަސްކުރުމުގެ އަމުރަށް އެދި 7 އޮގަސްޓް 2023 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.

އެ އަމުރާ ގުޅިގެން ޕީޖީ އޮފީހުން ބުނީ އެއޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަކާލާތުކޮށްފައިވާނީ ޖިނާއީ ޙުކުމެއްގެ އަދަބާމެދު ޢަމަލުކުރުމަށް ޤާނޫނު ދަންނަނީ އެއް އުޞޫލުތަކަކަށް ކަމަށްވާތީ, ޖަލު އަދަބުވެސް ޖޫރިމަނާ އަދަބުވެސް ތަންފީޛްކުރުން ފަސްކުރާނެ ތަނެއް ނެތް ކަމަށެވެ.

އެމައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވަނީ ޖަލު އަދަބު ތަންފީޛްކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށެވެ. ނަމަވެސް ޖޫރިމަނާ އަދަބު ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރުއްވާފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުއްވާފައިވާ އަމުރަކީ ވަގުތީ އަމުރެއްކަމަށްވެފައި, ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުމެއް 16 އޮގަސްޓް 2023އަށް ތާވަލުކުރެވިފައިވާތީ, އިސްތިއުނާފީ މައްސަލައާމެދު ގޮތެއް ނިމުމުން ވަގުތީ އަމުރުވެސް ނިމުމަކަށް އަންނާނެތީ, ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުއްވާފައިވާ ޙުކުމް ތަންފީޛްކުރުން ފަސްކުރުމުގެ އަމުރު އިސްތިއުނާފު ނުކުރުމަށް ނިންމާފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން