ދ. ކުޑަހުވަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

3513 މީހުންގެ އާބާދީއެއް އޮންނަ ދ. ކުޑަހުވަދޫއަކީ މަސްވެރި ރަށެކެވެ. ބޮޑު ކަންނެއްޔާ ކަންނެލި މަސްވެރިކަން ކުރާ މި ރަށުގައި 75 ފޫޓަށްވުރެ ބޮޑު 25 މަސް ދޯނި އަދި 75 ފޫޓަށްވުރެ ކުޑަ 25 މަސް ދޯނި އޮވެއެވެ. ނަމަވެސް، ރައްޔިތުންގެ ޝަކުވާއަކީ މަސްދޯނި ފަހަރު އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ނެތުމެވެ. މީގެ އިތުރުން، ކުޑަހުވަދޫއަކީ އެއަރޕޯރޓެއް އޮންނަ ރަށަކަށް ވާތީ އެއަރޕޯރޓުން އަންނަ ލޯންޗު އަޅާފައި ބާއްވާނެ ޖާގަ ވެސް ބޭނުންވެއެވެ. އަދި މުދާއުފުލާ އުޅަނދުފަހަރުވެސް ހަމަ ކައިރި ކުރަން ޖެހެނީ ޖާގައިގެ ގޮތުން ދަތި ކުޑަހުވަދޫ ބަނދަރަށެވެ.

މިއަދު ސޮއެކުރެވޭ، ކުޑަހުވަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ޖާގަ ތަނަވަސް ޒަމާނީ ބަނދަރެއް ރަށު ރައްޔިތުންނަށް ލިބިގެންދާނެއެވެ. އަދި ލަފާފުރުމުގެ ދަތިތައްވެސް ހައްލު ވެގެން ދާނެއެވެ. މިއީ މަސްވެރި ކުޑަހުވަދޫއަށް އިޤްތިސާދީ ގޮތުން ލިބިގެންދާނޭ ވަރަށްބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން، 386,52 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 5545 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 736,50 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 180 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 115 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

321 މީޓަރުގެ ސަރަޙައްދެއްގައި ވެލި ފުރާފައިވާ ބޭރުތޮށި – ބޭރު ރިވެޓްމެންޓެއް ޖެހުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި ވެލިފުރާފައިވާ ބޭރުތޮށި – އެތެރޭ ރިވެޓްމެންޓެއް ޖެހުމާއި، 372 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، މޫރިންގ ބޮއެ ހަރުކުރުމާއި، 70 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 90 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2265 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 33.83 މިލިއަން ރުފިޔާއަށް 500 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން