މާލެއިން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ގޯތިތައް ލިބޭ ސަރަހައްދުތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން މާދަމާ ހެނދުނު އޮންނާނެކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީން ގަލޮޅު ދަނޑުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުއަތު ނެގުން މާދަމާ ހެނދުނު 11:00 ޖަހާއިރު އޮންނާނެ ކަމަށެވެ. އަދި ގުރުއަތުލުމުގެ އިތުރުން، ހުޅުމާލެއިން ގޯތި ލިބޭ މީހުންނަށް ގޯތި ކެނޑުމުގެ މަސައްކަތްވެސް ކުރިއަށް ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ ގޯތި ލިބޭ ފަރާތްތަކުގެ ޕްލޮޓު ނަމްބަރު އެނގުމުން ވަކިން ގުޅައި، ބިން ކަނޑަން ދާންވީ ތަނާއި ވަގުތު އަންގަމުންދާނެކަމަށެވެ. އަދި މިރެއިން ފެށިގެން ގުރުއަތު ނަގަން ދާންވީ ވަގުތު، ޕޯޓަލް އިން ފެންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން 19،865 މީހުންގެ ޝަރުތު ހަމަވެއެވެ. އަދި އޭގެ ތެރެއިން 18،955 މީހަކަށް މި ދައުރުގެ ތެރޭގައި ގޯތި ލިބޭނެކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ބާކީ 684 މީހުންނަށް ގޯތި ދޭނީ އެކަމަށް ބިން ހަމަޖެހުންކަމަށްވެސް ސަރުކާރުން ބުނެއެވެ.

ބިން ވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭނީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން