މިސަރުކާރުން ތަރައްގީ ގެންނަނީ ރައްޔިތުން ބޭނުންވާ ގޮތް ބަލައިގެން ނޫން ކަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅު ކޯލިޝަނުން ހއ. އަތޮޅަށް މިހާރު ކުރަމުން ގެންދާ ދަތުރުގެތެރެއިން ދިއްދޫގައި ރޭ ބޭއްވި ޖަލްސާގަައި ވާހަކަ ދައްކަވަމުން އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރު މަސައްކަތް ކުރަންވާނީ ރައްޔިތުންގެ އަޑުއަހައި ރައްޔިތުންނާއި ގާތުން ކަމަށެވެ. އަދި ރައްޔިތުންނާއި ގުޅުން ކެނޑުމުން ސަރުކާރުގެ ބޭނުމެއް ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މިހާރު ރައްޔިތުން ބޭނުންވާ ގޮތް ސަރުކާރުން އަޑު ނާހާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.



"ތަރައްގީ ގެންނަނީ ރައްޔިތުން ބޭނުންވާ ގޮތް ބަލައިގެނެއް ނޫން، އެހެންވީމާ ކަމަކު ނުދާނެ، ރައްޔިތުންގެ ވިންދާ ސަރުކާރާއި ގުޅެންޖެހޭނެ، ރައްޔިތުންގެ އަޑު ސަރުކާރުން އަހަންޖެހޭނެ، ރައްޔިތުންގެ ކިބައިން ސަރުކާރު އުފެދިގެން އަންނަނީ، އެއީ ކަންކަން ހަމަމަގުން ގެންނަންޖެހޭނެ ގޮތަކީ،" މުއިއްޒު ވިދާޅުވިއެެވެ

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި އެޕާޓީގެ ވެރިކަމެއްގައި ދިއްދޫގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ދިއްދޫގައި އެއާޕޯޓެއް އެޅުމުން ގިނަ އަދަދަކަށް ވަޒީފާ އުފެދޭނެ ކަމަށާއި އެއާޕޯޓް އެޅުމަކީ ދާދި ފަސޭހަކަމެއް ކަމަށެވެ. އަދި ވަޒީފާ އަދާކުރާ ރަށެއްގައި ވަޒީފާ އަދާ ކުރުމުގެ ފުރުސަތާއި އެ މީހަކު ހުރި ވަޒީފާއާ އެކަށީގެންވާ ވަޒީފާއެއް ހަމަޖައްސަވައި ދެއްވާނެ ކަމަށާއި އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރަށްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދިއްދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެެނެސްދެއްވާނެ ކަމަށެވެ. އެގޮތުން ގެދޮރު ބިނާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ލޯނު އެހީ ދެއްވާނެ ކަމަަށް މުއިއްޒު ވިދާޅުވިއެވެ. އަދި ހއ. އަތޮޅު ހޮސްޕިޓަލުގެ ހިދުމަތްތައް ރަނގަޅު ކުރުމާއި ޒުވާނުން ކުޅިވަރު ކުޅެވޭނެ އެންމެ ފަހުގެ ޒަމާނީ ދަނޑެއް އަޅުއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން