ވިލާ ފައުންޑޭޝަންގެ ލޯނު އެހީގައި ކިޔެވި ދަރިވަރުންގެ ލޯނު މައާފު ކޮށްދިން ކަމުގެ ސިޓީ މިމަހު ފަހުކޮޅު ހަވާލުކުރާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެފިއެވެ.

ވިލާ ފައުންޑޭޝަނުން ކިޔެވި، އަދި ކިޔަވާ ހުރިހާ ކުދިންގެ ލޯނުތައް މައާފްކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި ވިލާ ފައުންޑޭޝަންގެ ޗެއަރމަން ޤާސިމް އިބްރާހިމް ނިިންމެވީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

ވިލާ ފައުންޑޭޝަނުން ބުނީ މި މަހުގެ 27 އަދި 28 ވަނަދުވަހު އެ ފައުންޑޭޝަންގައި ސިޓީ ހަވާލުކުރުން އޮންނާނެ ކަމަށާއި އެކަމުގެ އިދާރީ މަސައްކަތްތައް ކުރުމަށް ބޭނުންވާ މައުލޫމާތު ހިއްސާކުރުމަށް އެ ފައުންޑޭޝަނުން ވަނީ އެދިފައެވެ. އެގޮތުން އެ ފައުންޑޭޝަނުން އެދިފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ކުރިން އެ މައުލޫމާތު ހިއްސާކޮށްދިނުމަށެވެ.

ވިލާ ފައުންޑޭޝަނުން ކިޔެވި، އަދި ކިޔަވާ ހުރިހާ ކުދިންގެ ލޯނުތައް މައާފްކޮށްދެއްވުމަށް ނިންމަވާފައިވާކަން ގާސިމް މިރޭ އިއުލާންކުރެއްވިއިރު ވިލާ ފައުންޑޭޝަނުންނާއި ވިލާ ކުންފުނިން އަދި ޤާސިމް އިބްރާހީމްގެ އަމިއްލަފުޅު ހަރަދުގައި، އެކިއެކި ސިއްހީ ދާއިރާތަކުން ތައުލީމު ހާސިލްކޮށްފައިވާ އަދި ކުރަމުންދިޔަ ދަރިވަރުންގެ ސްޓޫޑެންޓު ލޯނު މައާފުކޮށްދެއްވިކަން މީގެކުރިން ކޯވިޑްގެ ތެރޭގައި ޤާސިމް ވަނީ އިޢުލާން ކުރަށްވާފައެވެ.

ސިއްހީ ދާއިރާއިން ކިޔެވުމަށް ގާސިމް ދެއްވާފައިވާ ލޯނުތައް މައާފްކޮށްދެއްވާފައި ވާއިރު، ގާސިމްގެ ވާހަކަފުޅުގައި ވިދާޅުވީ ކޮންމެ ދާއިރާއަކުން ވިޔަސް ގާސިމްގެ ހަރަދުގައި ކިޔަވާފައިވާ ދަރިވަރުންގެ ތެރެއިން މިހާތަނަށް އައިއިރު ލޯނު އަނބުރާ ދެއްކިފައިނުވާ އަދި މިހާރު ވެސް ލޯނު އެހީގެ ދަށުން ކިޔަވަމުން ގެންދަވާ ހުރިހާ ދިވެހިންގެ ސްޓޫޑެންޓު ލޯނުތައް މަޢާފުކޮށްދެއްވާފައިވާ ކަމަށެވެ.

ގާސިމް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަމާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ ލޯންޗުކޮށްފައިވާއިރު، އެ މެނިފެސްޓޯ އެކުލަވާލައްވާފައިވަނީ ތިން މަސްދުވަހުގެ މަސައްކަތުންކަމަށް އެ ޕާޓީން ބުނެއެވެ. އެގޮތުން މެނިފެސްޓޯ އެކުލަވާލެއްވުމުގައި އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ހިޔާލާއި މައުލޫމާތު ހޯދާފައިވާކަމަށްވެސް އެ ޕާޓީން ބުނެއެވެ. އެގޮތުން 200 އަށްވުގެ ގިނަ މީހުންނާއި އިންޓަވިއު ކުރެވިފައިވާކަމަށްވެސް ޖޭޕީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން