ދެރަށެއްގެ މަގުހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފިއެވެ.

އެގޮތުން މި މަޝްރޫޢުގެ ދަށުން ރ. މަޑުއްވަރީއާއި އދ. މަހިބަދޫ މަގުތައް ޒަމާނީ ފެންވަރަށް ހަދާނެއެވެ. މަޑުއްވަރީ މަގުތައް ހަދަނީ މަގުތަކުގައި ތާރު އެޅައިގެންނެވެ. މަހިބަދޫގެ މިހާރު ރަނގަޅު ފެންވަރަކަށް ހަދާފައި ނެތް ބޮޑެތި މަގުތައްވެސް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އާރުޑީސީން ކުރާނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. މި ދެމަޝްރޫޢުގެ ތެރެއިން މަޑުއްވަރީ އެއްބަސްވުމުގައި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު އަހުމަދު ޝިހާދެވެ. މަހިބަދޫ މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު ހުޒާމް ހުސެއިން ދީދީއެވެ.

މަޑުއްވަރީގެ 3.5 ކިލޯމީޓަރުގެ މަގުގައި މިމަޝްރޫޢުގެ ދަށުން ތާރު އަޅާނެއެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމް ކުރުމާއި މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް މަޝްރޫޢުގައި ހިމެނެއެވެ. މިއީ 82.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. ޖުމުލަ 540 ދުވަހުގެ ތެރޭގައި މަޝްރޫޢުގެ މަސައްކަޔް ނިންމަންޖެހެއެވެ.

މަހިބަދޫގެ ބޮޑުތި މަގުތައް ހަދަނީ ގާ އަތުރައިގެންނެވެ. މިހާރު އެރަށުގައި ހަދާފައިވާ އެހެންމަގުތައްވެސް ހަދާފައިވަނީ ގާ އަތުރައިގެންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މަހިބަދޫ ބޮޑެތި މަގު ހަދާއިރު، މިއީ މިރަށު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. މިމަޝްރޫޢުގެ ދަށުން މަހިބަދޫގެ 2.035 ކިލޯމީޓަރުގެ މަގުގައި ގާ އެތުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ވެސް ހަރުކުރާނެއެވެ. މިއީ 42.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫއުގެ މަސައްކަތް 420 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން