ޕީޕީއެމްގެ ވެރިކަމެއްގައި ބޮޑުތިލަދުންމައްޗަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސޯސަން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ކުރީގެ ސަރުކާރުގައި ބޮޑުތިލަދުންމަތީގެ ރަށްތަކަށް ތަރައްގީގެ ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާފައި ނެތްކަމަށެވެ. އަދި ޕީޕީއެމްގެ ވެރިކަމެއްގައި އެއްވެސް ކުރިއެރުމެއް ބޮޑު ތިލަދުންމައްޗަށް ނުލިބޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރުން ބޮޑު ތިލަދުންމަތީގައި ހިންގާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރޮޖެކްޓު ކަމަށެވެ. އަދި ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ކާމިޔާބު ވެއްޖެ ނަމަ މިހާރު ތަރައްގީ ކުރަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރޮޖެކްޓު ހުއްޓުވައި އެއާޕޯޓް ނައްތާލާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ޕީޕީއެމް ވެރިކަމަށް އައިސްފިނަމަ ހަނިމާދޫ އެއާޕޯޓު ނައްތާލުމަށް ރާވާފައިވާ ކަމަަށް ޝާހިދު ތުހުމަތުކުރެއްވިއެވެ.

ބޮޑު ތިލަދުންމައްޗަށް ތަރައްޤީ ގެނައުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބިޔަ އެއް މަޝްރޫޢަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއެވެ. މި އެއާޕޯޓް ތަރައްގީ ކުރަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެވެ.

އިކޮންމިކްމިނިސްޓްރީން މީގެ ކުރިން ބުނީ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ނިންމާފައިވާ ކަަމަަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން