އަންނަ ރިޔާސީ އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި ޖުމްލަ 8000އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާގޮތުގައި ރިޔާސީ އިންތިޚާބުގެ މޮނިޓަރުންގެގޮތުގައި މީޑިއާތަކުން 4545 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. އަދި ސިޔާސީ ޕާޓީތަކުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކުންނާއި އަމިއްލަގޮތުން ކުރިމަތިލި މީހުންނާއެކު 3607 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.

މިހާރު އެކޮމިޝަނުން ކުރިއަށް ގެންދަނީ އެޕްލިކޭޝަންތަކުގެ މައުލޫމާތު ކަށަވަރުކޮށް އެކްރެޑިޓް ކުރުމުގެ މަސައްކަތެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބު ވެގެންދާނީ، އެންމެ ރަނގަޅަށް، އެންމެ ގިނަ އަދަދެއްގެ މީހުން އޮބްޒާވްކޮށް މޮނިޓަރ ކުރެވޭނެ އިންތިޚާބަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިޚާބެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުން އޮންނާނީ އަންނަ ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހުއެވެ. މިއިންތިޚާބުގައި މުޅި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި 176 ވޯޓު ފޮށްޓާއި މާލެ ފިޔަވައި ސިޓީތަކާއި އަތޮޅުތަކުގައި 384 ވޯޓު ފޮށްޓާއި، ސިނާއީ މަސައްކަތް ކުރާ ތަންތަނާއި ޖަލުތަކުގައި 6 ވޯޓު ފޮށްޓާއި ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށްޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން