ދައުލަތުގެ ފައިސާއަށް ދުވަހަކުވެސް ހިޔާނާތްތެރިވެފައި ނޯންނާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މާލީ ކަންކަމާއި ގުޅޭ ގިނަ މަގާމުތަކެއް އަދާކުރައްވާފައިވާ ގާސިމް މިހެން ވިދާޅުވެފައި މިވަނީ ޖޭޕީގެ ވެރިކަމެއްގައި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެވަޑައިގަންނަވާނޭ ކަމަށް ދޭހަވާ ގޮތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ. އެގޮތުން ގާސިމްގެ ވެރިކަމެއްގައި ދައުލަތުގެ ތިޖޫރި ވެގެންދާނީ ވިލާގެ ތިޖޫރިއަށްކަމަށް އެމަނިކުފާނު ވަނީ ތުހުމަތު ކުރައްވާފައެވެ.

ގާސިމް ވިދާޅުވީ މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމުގެ މައްސަލަތައް ފެންމަތިވެފައިވާކަމަށެވެ. ނަމަވެސް އެމަނިކުފާނު ރާއްޖޭގެ ފިނޭންސް މިނިސްޓަރު ކަމާއި އެމްއެމްއޭގެ ގަވަރުނަރުކަމާއި އައިއެމްއެފާއި ވޯލްޑްބޭންކަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރުކަން ފަދަ ދައުލަތުގެ މާލީ ކަންކަމާއި ގުޅޭ މަތީ މަގާމްތައް ފުރުއްވިއިރުވެސް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައި ނޯންނާނެކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބައެއް ރިޔާސީ ކެންޑިޑޭޓުން ވިދާޅުވާހެން އެ ތިޖޫރި މި ތިޖޫރިއަށް ވެގެން ވިލާގެ ތިޖޫރިއަކަށް ނުވޭ ދުވަހަކު ވެސް. ބައި ސެންޓު ވެސް ނޯންނާނެ ވިލާގެ ތިޖޫރިއަށް ވަން ދައުލަތުގެ ފައިސާއިން ދުވަހަކު ވެސް. އެކަމަކު އަޅުގަނޑަށް ފެންނަނީ އެހެން އެ ވިދާޅުވާ ބޭފުޅުން އެ ތިޖޫރިއަށް ވަދެގެން އަންނަތަން،" ހިނިފުޅުވަޑުވަމުން ސަމާސާ ރާގެއްގައި ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އޭނާ ރާއްޖޭގެ ވެރިކަމަށް ވާދަކުރައްވަނީ ކުރާނެ މަސައްކަތެއް ނެތިގެން ނޫންކަމަށެވެ. އަދި ވެރިކަމަށް ވަޑައިގަންނަވާނީ ދިވެހި ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތި ދުވަސްތަކެއް ހޯއްދަވައިދެއްވުމަށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން އެމަނިިކުފާނު ވެރިކަމަށް ގެނެސްގެން ވާނެ ގޮތެއް ބަލާލުމަށް ގާސިމް އެދިވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން