ގޭންގު ކުށް އިތުރު ވަނީ އެކަން ކުރަން ތިބޭ މީހުންނާއި ސިޔާސީ މީހުންނާ އޮންނަ ގުޅުމެއްގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އއ. މާޅޮހަށް ވަޑައިގެން އެރަށުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ގޭންގު ކުށް އިތުރު ވަނީ އެކަން ކުރަން ތިބޭ މީހުންނާއި ސިޔާސީ މީހުންނާ އޮންނަ ގުޅުމެއްގެ ސަބަބުން އެފަރާތްތަކަށް މަދަދާއި އެހީތެރިކަން ލިބޭތީ ކަމަށެވެ.

ރައީސް ސާލިޙު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ ގޭންގުތަކާއި ގުޅުން އޮތް ސަރުކާރެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ކުށްކުރާ ގްރޫޕުގެ އެހީ އާއި މަދަދުގައި ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައު އަމާން ކަމާއި ހަމަޖެހުން ގާއިމު ކުރެވޭނީ ގޭންގުތަކާ ގުޅުން ނެތް ސަރުކާރަކަށް ކަމަށެވެ. ވޭތުވެ ދިޔަ ފަސްއަހަރު ރާއްޖޭގައި ހަމަޖެހުން ގާއިމް ކުރެވުނީ ކުށްކުރާ ގްރޫޕްތަކާ ސަރުކާރުން މަދަދުވެރި ނުވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ކުށް ކުރާ ކުދިންނަށް ދިރިއުޅުމެއް ހޯދައިދިނުމަަށް ސަރުކާރުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އެފަދަ ކުދިން ދިރިއުޅެން މަސައްކަތް ކުރާނެ ގޮތްތަކެއް ކުދިންނަށް ހޯދައިދިނުމަކީ ސަރުކާރުގެ ޒިންމާއެެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާއިލާއެއްގައި ތިބޭ ކުދިން މަގުމައްޗަށް ވީއްލިގެން ދިޔުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި ވެރިކަމުގެ ދެވަނަ ދައުރަކަަށް އެމްޑީޕީން ތައްޔާރުކުރި މެނިފެސްޓޯގެ ސިޔާސަތުގައި އަމާން މުޖުތަމައުއެއްގެ ތަފްސީލުތައް ކުރިއަށް އޮތްތަނުގައި ހާމަކުރަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ ތެރޭގައި މަގުމަތީގައި ގޮތެއް ނެތިފައި ތިބި ޒުވާނުންނަށް ގޮތެއް ހޯދައިދޭން މަސައްކަތްތައް ރޭވިފައި ހުރި ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދޭނެ،" ރައީސް ސާލިޙު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން