އެސްޓީއޯ ގްރޫޕްގައި ހިމެނޭ ހުރިހާ ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށް އެސްޓީއޯގެ ސްޓާފް ޖިމް ހުޅުވައިފިއެވެ. އެސްޓީއޯ ސްޓާފް ކުއާޓާޒްގައި ހުންނަ މިޖިމް ހުޅުއްވައިދެއްވީ އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ އަބްދުﷲ ސައީދުއެވެ.

އެސްޓީއޯއިން ބުނީ އެކުންފުނީގެ ސްޓާފް ޖިމްއަކީ އެންމެ ޒަމާނީ ވަސީލަތްތައް ހިމަނައިގެން ތައްޔާރު ކޮށްފައިވާ ޖިމްއެއްކަމަށެވެ. އަދި މިޖިމަކީ ޖާގައިގެ ގޮތުން ތަނަވަސް، ގިނަ ބަޔަކަށް އެއްފަހަރާ ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ.

ޖިމް ހުޅުވުމުގެ ގޮތުން އެސްޓީއޯ ގްރޫޕްގައި ހިމެނޭ ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯ އެމްޑީ އަބްދުﷲ ސައީދު ވިދާޅުވީ ޖިމް ބޭނުން ކުރުމަށް އެސްޓީއޯ ގްރޫޕްގެ އެއްވެސް މުވައްޒަފެއްގެ އަތުން އެއްވެސް ފީއެއް ނުނަގާނެ އެވެ.

ޖިމްގެ އެންޓްރެންސް ފީ ހިލޭ ކުރުމުގެ އިތުރުން، މުވައްޒަފުން ޖިމްގައި ކަސްރަތު ކުރާ ވަގުތު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފިޓްނަސް އިންސްޓްރަކްޓާއެއްގެ ހިދުމަތްވެސް ކުންފުނީގެ ހަރަދުގައި ފޯރުކޮށްދޭނެކަމަށްވެއެވެ.

މުވައްޒަފުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް އިސްކަންދީގެން ޖިމްގައި ފިޓްނަސްގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން