ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހިމްގެ ވެރިކަމެއްގައި ފުށިދިއްގަރު ފަޅު ހިއްކައިގެން "އިކޯ ސިޓީ"އެއް ތަރައްޤީކުރުމަށް މެނިފެސްޓޯގައި ހިމަނައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހިމްގެ މެނިފެސްޓޯގެ ކަށަވަރު ބޯހިޔާވަހިކަމާއި، ސްމާޓް ރާއްޖެއާއި، ދެމެހެއްޓެނެވި ތިމާވެއްޓާއި، އިޤްތިޞާދީ ސިޔާސަތުގެ ދަށުން ތަރައްޤީކުރާ "އިކޯ ސިޓީ"އަކީ މާލެއާއި 9 ކިލޯމީޓަރު ދެކުނުގައި އޮތް މާލެ އަތޮޅު ފުށިދިއްގަރު ފަޅު ހިއްކައިގެން ބިނާކުރާ ސިޓީ އެކެވެ.

ކަނޑުގެ ލޮނުގަނޑު އުފުލޭނޭ ކަމަށް ސައިންސް ވެރިންގެ ދިރާސާ ތަކުން ދައްކާ ގޮތަށް ބަލާއިރު، މާލެ އަށް ނުރައްކާ އޮތުމާއެކު، 1400 ހެކްޓަރުގެ މި ފަޅު ހިއްކާނީ ދިޔަވަރު ބޮޑުވާއިރު ހުންނަ މިނަށްވުރެ މަދުވެގެން 2 މީޓަރު އުސްކޮށް ރަށް ރައްކާތެރި ކުރުމަށްޓަކައި ވަށައިގެން ހެދޭ ބްރޭކްވޯޓަރ އާއި އެކުއެވެ. އެއީ މެދު ދިޔަވަރަށްވުރެ 2.5 މީޓަރުގެ އުސްމިނުގައެވެ. މި އިކޯ ސިޓީ ބިނާ ކުރާނީ ފަންނީ މާހިރުންގެ ލަފާގެ މަތިން ދިރާސާކުރުމަށްފަހު، ކުރިމަގަށް ފުރިހަމައަށް ފަރުމާކޮށްގެންކަމަށް ގާސިމްގެ މެނިފެސްޓޯގައިވެއެވެ.



ފަސް އަހަރު ދުވަހުގެ ތެރޭގައި ތަފާތު ފެންވަރުގެ 10،000 ރެޒިޑެންޝަލް ޔުނިޓް މި ސިޓީގައި ބިނާ ކުރާނެއެވެ. އަދި, މި ސިޓީގައި ޖުމްލަ 30،000 ވުރެ ގިނަ ހައުސިންގް ޔުނިޓް ކުރިމަގުގާ އިމާރާތް ކުރާނޭ ޖާގަ އޮންނާނެއެވެ. މާލޭ ސަރަހައްދުގައި އިމާރާތް ކުރެވިފައިވާ ބޯހިޔާވަހި ކުމުގެ ޔުނިޓް ތަކަށްވުރެ ތަނަވަސްކޮށް އިމާރާތް ކުރެވޭ މި ހައުސިން ޔުނިޓްތަކުގައި އާއިލާއާއެކު ހަމަޖެހިގެން އުފަލާއި އަރާމުގައި ދިރިއުޅެވޭނެއެވެ.

މި ފިއުޗަރ އިކޯ ސިޓީގައި ޕާކްތަކާއި، އެންޓަރޓެއިންމެންޓް އަދި ބިޒިނަސް ސެންޓަރު ތަކާއި، ސޮޕިންމޯލް ތަކާއި، ކޮންވެންޝަން ސެންޓާރއާއި، ސްޕޯޓްސް އެރީނާ ތަކާއި އެކި ފެންވަރުގެ ހޮޓާތަކާއި، ގެސްޓް ހައުސްތަކާއި ގްރީން އޭރިޔާތަކާއެކު، ކުރިމަގުގައި ރައްޔިތުންނަށް ބޭނުންވާނެ ހުރިހާ ޚިދުމަތެއް ޤާއިމް ކުރުމަކީ ޖުމްހޫރީ ޕާޓީގެ ޤައުމީ ކެންޑިޑޭޓުގެ ވައުދެކެވެ. މި އިކޯ ސިޓީގައި ކުރިމަގުގައި ބިނާކުރާނެ ހުސްޖާގަ އޮންނާނެއެވެ. މިއީ ސޮލާރ އެނަރޖީ ފަދަ ތިމާވެއްޓާއި ރަޙްމަތްތެރި ވަސީލަތްތައް ހިމެނިގެން ތަރައްޤީ ކުރެވޭ ސިޓީއެކެވެ.

އިކޯ ސިޓީގެ އިތުރުންވެސް އޮނަރަބަލް ގާސިމްގެ މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނުއްވާފައެވެ. އޭގެތެރޭގައި ތަރައްްޤީއާއި އިޤްތިޞާދާއި އެހެނިހެން ދާއިރާތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން