އެމަނިކުފާނުގެ ވެރިކަމެއްގައި ކޮންމެ ރަށެއްގެ ބަނދަރާ ކައިރި ހިސާބެއްގައި މިސްކިތެއް ބިނާކޮށްދެއްވާނެ ކަމަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އަތޮޅުތެރޭގެ ރަށްރަށަށް ކުރަށްވާ ކެމްޕެއިން ދަތުރުގެ ތެރެއިން ހދ. ނޮޅިވަރަމަށް ވަޑައިގެން މިއަދު ހަވީރު އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެެވެ. ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ކަމަށް ރައްޔިތުން އެމަނިކުފާނު އިންތިހާބު ކޮށްދެއްވައިފިނަމަ ކޮންމެ ރަށެއްގެ ބަނދަރުމަތީގައި ނުވަތަ ބަނދަރާ ކައިރި ހިސާބެއްގައި ހެއުވަރުގެ މިސްކިތެއް ބިނާކުރަށްވާނެ ކަމަށެވެ. އެގޮތުން މިސްކިތް ބިނާ ކުރަށްވަނީ ރަށްރަށައް ޒިޔާރަތް ކުރާ ދަތުރުވެރިން ނަމާދުކޮށް އަޅުކަން ކުރުމަަށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށް ޤާސިމް ވިދާޅުވިއެވެ.



"ދަތުރުވެރިން އައިސް ރަށުގެ މެދު ތެރެއަށް ވަދެ ކަންކަން ކުރުން ވަރަށް އުނދަގޫ ކަމަކަށް ވެދާނެ، އެހެންވީމަ އަޅުގަނޑުގެ ވިސްނުމުގައި އެބަހުރި އަޅުގަނޑު ހޮވިއްޖެނަމަ ކޮންމެ ރަށެއްގައި ވެސް ބަނދަރުމަތި ނުވަތަ ކައިރި ފެންނަ ހިސާބެއްގައި ހެއުވަރުގެ މިސްކިތެއް ބިނާކޮށްދޭނަން، މީހުން އުޅޭ ކޮންމެ ރަށެެއްގައި ވެސް،" އިޖުތިމާއީ ގޮތުން ރަށްރަށައް ދީލަތި އެހީތެރިކަން މިހާރު ވެސް ފޯރުކޮށްދެއްވަމުން ގެންދަވާ ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ، ރާއްޖޭގެ ރަށްރަށައް ޒިޔާރަތް ކުރާ ދަތުރުވެރިން ބަނދަރުމަތީގެ ކައިރި ހިސާބެއްގައި ޒަރޫރީ ބޭނުމަށް ފާޚާނާ ކޮށްލާނެ ގޮތެއް ނެތިގެން ވަރަށް ދަތި ހާލުގައި އުޅޭ ތަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި މީހުން ދިރިއުޅޭ ހުރިހާ ރަށެެއްގެ ވެސް ބަނދަރުމަތީގެ ކައިރި ހިސާބެއްގައި ސަރުކާރުގެ ޚަރަދުގައި ތިން ނުވަތަ ހަތަރު ފާޚާނާ ބަހައްޓަވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް މިއަދު ވަނީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ ފުރަތަމަ ދެ އަހަރު ތެރޭގައި ހިނަވާ ގެއެއް ނެތް ކޮންމެ ރަށެއްގައި ސަރުކާރުގެ ހަރަދުގައި ހިނަވާ ގެއެއް އަޅުއްވައި ދެއްވުމަށް ވައުދުވެވަޑައިގެންފައެވެ. ޤާސިމް ވިދާޅުވީ، ރައީސް ކަމަށް އިންތިހާބުވެއްޖެނަމަ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހުރިހާ ދަންފަޅިއަކަށް ކިޔަވައިދެވޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ ރައްޔިތުން ވޯޓުލާއިރު ބަލަންވީ ގައުމަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދެވޭނެ، އިހުސާންތެރިކަމާއެކު ޚިދުމަތްކުރެވޭނެ، އެކަމަށް ގާބިލު ކެންޑިޑޭޓަކީ ކޮބައިތޯ ކަމަށެވެ. އަދި ރައްޔިތުން ވޯޓުލާއިރު ކަންތައްތަކެއްކޮށް މާޒީގައި ނަތީޖާ ނެރެފައިވަނީ ކާކުތޯވެސް ވިސްނުންތެރިކަމާއެކު ބެލުން މުހިންމު ކަމަށް ޤާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން