ބޮޑު ތިލަދުންމައްޗަށް އިންގިލާބީ ބަދަލެއް ގެނެވޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެރިކަމަށް ގެނެސްގެންކަމަށް ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން ކުޅުދުއްފުށީގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަމީން ވިދާޅުވީ އޭނާއަކީ މީގެކުރިން އެތައް ރައީސުންނާއެކު މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށެވެ. އަމީން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުޅުއްވާ ބޭފުޅުންގެ ތެރެއިން ވެރިކަމަށް އެންމެ ރަނގަޅު ބޭފުޅަކީ ގާސިމްކަމަށް ދަންނަވަނީ ހިޔާލީ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށާއި އަދި އެމަނިކުފާނުގެ މެނިފެސްޓޯގައި އޮތް އެއްޗަކަށް ބަލައިގެން ވެސް ނޫންކަމަށެވެ.

އަމީން ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ކުރިމަތިލާ ބޭފުޅުންނަކީ ގައުމީ ހިދުމަތަށް ޝައުގުވެރިކަން ހުންނަ ބޭފުޅުންނަށް ވާންޖެހޭކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލުމަކީ ސަމާސާކަމެއް ނޫން. އެކަމަށް ކުރިމަތިލާން ނުކުރޭ މީހުންނަށް ގައުމުގެ މުސްތަގުބަލަށް ކޮށްދެއްވޭނެ ކަމެއް ނޯންނާނެ. އެކަމުން ފެއިލްވުމަކީ ގައުމީ ހިދުމަތާއި ދުރަަށްދާންޖެހޭ ސަބަބެއް ނޫން. ގާސިމް އަނެއްކާވެސް މިއަދު އެކަމަށް ނިކުމެވަޑައިގެންނެވީ ގައުމުގެ ކަންކަމާއި މެދު އެމަނިކުފާނުގެ ޝައުގުވެރިކަން ބޮޑުކަމުން،" އަމީން ވިދާޅުވިއެވެ.

މިރޭ ޖަލްސާ ބޭއްވި ކުޅުދުއްފުށި ހިމެނޭ ތިލަދުންމައްޗަށް އަލިއަޅުއްވާލައްވަމުން އަމީން ވިދާޅުވީ އެ ސަރަހައްދަށް އަންނަންޖެހޭ ތަރައްގީ ގެނެސް، އިންގިލާބީ ބަދަލެއް ގެނެވޭނީ ގާސިމް ވެރިކަމަށް ގެނެސްގެން ކަމަށެވެ.

އަމީން ވިދާޅުވީ ގާސިމްގެ ވެރިކަމެއްގައި ހަގީގީ ބަދަލު ގެނެވޭނެކަމަށާއި އަދި ތަރައްގީއާއި ތަނަވަސްކަންވެސް ފެންނާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން