ކުރީގެ ސަރުކާރުން ސިނަމާލެ ބްރިޖް އެޅިއިރު ރާއްޖޭގެ ރަށްތައް ބާކީ ކުރީ ކީއްވެތޯ ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒާއި ސުވާލު ކުރަށްވައިފިއެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ގޮފިން އިންތިޒާމުކޮށްގެން އިއްޔެ "އުފާވެރި އަންހެނުން" ނަމުގައި ބޭއްވި ބައްދަލު ވުމުގައި ވާހަަކަ ދައްކަވަމުންނެެވެ. މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު އާއި ގިނަ ސުވާލުތަކެއް ކުރިމަތިކުރަށްވާފައެވެ.

އެގޮތުން ޑރ.މުއިއްޒު ޕްލޭނިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ނުކުރެއްވީ ކީއްވެތޯ ރޮޒެއިނާ ސުވާލު ކުރެއްވިއެވެ. އަދި މާލޭގައި ބްރިޖް އެޅިއިރު ރާއްޖޭގެ ރަށްތަށް އަސާސީ ހިދުމަތްތަކުން މަހުރޫމް ކުރީ ކީއްވެތޯ ރޮޒައިނާ ވަނީ ސުވާލު ކުރަށްވާފައެވެ.

އިތުރަށް ވާހަަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި މުއިއްޒުގެ ވަޒީރު ކަމުގައި އައްޑޫ މަރަދޫ ފޭދޫ ބަނދަރު ހަލާކުވެ ރާޅުޖަހައި ލިންކު ރޯޑާއި ހަމަޔަށް ވެލިގަނޑު ދަމައިގެން ދިޔަ ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ ބަނދަރު ހަލާކުވެ އެ ބަނދަރު ހަދައިދިނުމަށް މުއިއްޒު އަރިހުން އެތަށް ފަހަރަކު އޭރު އެދިވަޑައިގެންނެވި ކަމަށާއި ހަތަރު އަހަރަށްފަހު އެންމެ ފަހު އަހަރު ބަޖެޓުގައި ބަނދަރު ހެދުމަށް ކަނޑައެޅީ ހަތަރު މިލިއަން ރުފިޔާ ކަމަށެވެ. އޭގެފަހުން ޑރ.މުއިއްޒު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރި ދުވަހެއްގައި ހަތަރު މިލިއަން ރުފިޔާއިން ބަނދަރު ހަދާނީ ކިހިނެތްތޯ މުއިއްޒު ސުވާލު އުފެއްދެވި ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"ކުރިން ފަސްއަހަރު އެހެން ދިޔަނަމަވެސް މި ފަސްއަހަރުގެ ތެރޭގައި ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެން 30 އެތަށް މިލިއަން ރުފިޔާ އެއް ހަރަދުކޮށްފައި އެ އޮތީ އެ ބަނދަރު ހައްދަވައިދެއްވާފައި، އެބަނދަރު އެކަންޏެއް ނޫން، ފުޅަދޫ، ފެހެންދޫ، ހިމަންދޫ، މިއީ މި ސަރުކާރުން އަލަށް ބަނދަރު އަޅައިދިން ރަށްތައް،" ރައީސް ސޯލިހް ބައިވެރިވެވަޑައިގެން އިންނެވި އެ ބައްދަކުވުމުގައި ރޮޒެއިނާ ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުއިއްޒު 7 އަހަރު ދުވަސް ވަންދެން ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއެވެ. އެގޮތުން ރައީސް ވަހީދުގެ ސަރުކާރުގެ ދެ އަހަރެއްހައި ދުވަހާއި ޔާމިންގެ ސަރުކާރުގެ ފަސްއަހަރު ވެސް ހައުސިން މިނިސްޓަރުކަން އަދާކުރެއްވީ ޑރ. މުއިއްޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން