މިއަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން އެއްވެސް ބަޔަކަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ށ. ކަނޑިތީމަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި ބޭއްވި ބައްދަލުވުމެއްގައި ކުރީގެ ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރިޔާސީ އިންތިހާބު އެއްބުރުން އެއްވެސް ބަޔަކަަށް ކާމިޔާބު ނުކުރެވޭނެ ކަމަަށާއި އެއީ ހަގީގަތެއް ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ވޭތުވެ ދިޔަ 15 ވަރަކަށް އަހަރު ރާއްޖޭގައި ގާއިމް ކުރި ހުރިހާ ސަރުކާރުތަކެއް ވެރިކަމަށް ގެނައުމުގައި އެންމެ އިސް ރޯލެއް އަދާކުރެއްވީ ޤާސިމް ކަމަށެވެ. ރައީސް މައުމޫންގެ ދިގު ތިރީސް އަހަރުގެ ވެރިކަން ދެމެހެއްޓުމުގައި ވެސް ޤާސިމްގެ ހިއްސާ ބޮޑުކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ކުރިމަތީގައި މިއަދު އޮތީ ތިން މައި ނިންމުމެއް ކަމަށެވެ. އަލީ ވިދާޅުވީ ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަކީ ހުރިހާ ފިކުރަކަށް ހަމަހަމަކަމާއެކު ވެރިކަން ކުރަށްވާނެ ބޭފުޅެއް ކަމަށެވެ. ރައްޔިތުންގެ ކުރިމަތީގައި އޮތީ ޤާސިމް ދެވަނަ ބުރަކަަށް ގެންގޮސް ރައީސް ކަމަށް ގެނައުން ނުވަތަ ފާއިތުވެ ދިޔަ 15 އަހަރު ރައްޔިތުން ޓެސްޓްކޮށް ފެއިލްވެފައި ތިބި ޕާޓީތަކުގެ ތެރެއިން ޕާޓީއަކަށް ވެރިކަން ދިނުން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ކަން ކުރެއްވި އަލީ ވަހީދު ވިދާޅުވިއެވެ.

"ޚާރިޖީ ސިޔާސަތަށް ވިސްނިއަސް ދިފާއީ ސިޔާސަތަށް އެބޭފުޅުންގެ ވެރިކަމުގައި ފެނިގެންދިޔައީ ކޮންމެވެސް އެއް އަތަކަށް އަރިވެގެންދިޔަ މަންޒަރު، އެބޭފުޅުންނަށް އެންމެ އިސްކުރެވުނީ ދިވެހިރާއްޖެ އެއް ނޫން، އަޅުގަނޑުމެން ކުރިއަށް ނެރެން އެބަޖެހޭ މޯލްޑިވިސް ފަސްޓް ޕޮލިސީ، އަޅުގަނޑުމެން ނުޖެހޭ އެހެން ގައުމުތަކުގެ ފަސްޓް ޕޮލިސީ ތަކުގެ ވާހަކަ ދައްކާކަށް. އަޅުގަނޑުމެން އަމިއްލަ ގައުމުގެ ފަސްޓް ޕޮލިސީގެ ވާހަކަ ނުދައްކާ ވަކި މާމޮޅު ޚާރިޖީ ދަންނަ ބަޔަކު މި ސިޔާސީ މައިދާނުގައި އުޅޭނެ ކަަމަކަަށް ރައްޔިތުން ގަބޫލުކޮށްގެން ނުވާނެ، އަމިއްލަ ގައުމު އިސްކުރަން ނޭގޭ ބަޔަކަަށް އެހެން އެއްވެސް ކަމެއް އިސްކުރާކަށް ނޭގޭނެ،" އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ، ޖަރުމަންވިލާތުގައި އަރުވާލެވިގެން ހުންނަވައި މި ސަރުކާރު ވެރިކަމަަށް ގެނައުމުގައި އެންމެ އިސްރޯލެއް އަދާކުރެއްވީ ޤާސިމް ކަމަށެވެ. މި ސަރުކާރުން ރާއްޖެއަށް ގެނައި ތަރައްގީގެ ކްރެޑިޓް ހަމައެކަނި އެއް ޕާޓީއަކަށް ނުނެގޭނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެެވެ.

"މިދިޔަ ރިޔާސީ އިންތިހާބުގައި އެންމެ ފަހު ހަފުތާގައި ރައީސް ޔާމިން އާއެކު ގާސިމް ދިޔަނަމަ މިއަދު މި އޮތް ވެރިކަމެއް ނޫން އޮންނާނީކީ، މުޖަރިއްބު ކަމެއް އެއީ، މި ވެރިކަމެއް ނޫން އޮންނާނީކީ، އެހެންވީމާ ގާސިމް ތިބޭފުޅުންނަށްޓަކައި ތިބޭފުޅުންގެ ތަރައްގީ އަށްޓަކައި އެވަގުތު އެ ނިންމުން ނިންމީ، މިއަދު ގާސިމް ނުކުންނަވާފައި މިވެރިކަން އިތުރަށް ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ތިމަން މަނިކުފާނަށް މިވެރިކަން ހަމަޖައްސަން ފުރުސަތު ދޭން ވިދާޅުވުމުން އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުން އެކަން ބަލައިގަންނަންޖެހޭ،" އަލީ ވަހީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން